ދޮން އަނބުން ލޯކަލް މާރުކޭޓު ފުރާލައިފި

ދަތުރުވެރިންގެ މާރުކޭޓް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"100 ރުފިޔާއަށް ބައެއް" މީހަކު އައިސް ދޮން އަނބުގެ އަގު އަހާލަމުން ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި އިން ސޭޓަކު ޖަވާބު ދިނެވެ. އޭރު މޭޒު މަތީގައި ބައި ބަޔަށް، ކޮންމެ ބައެއްގައި 10 އަނބު އަތުރާލާފައި ހުއްޓެވެ.

ލޯކަލް މާރުކޭޓުގެ ކޮންމެ ގޮޅިއަކުންވެސް ފެންނަނީ މިދުވަސްވަރު ދޮން އަނބެވެ. އެލުވާލާފައި އޮންނަ ދޮން ކެޔޮ ގަނޑަށްވުރެ ދޮން އަނބުގެ ވިދުން މާ ގަދައެވެ. އެކަން ލޯކަލް މާރުކޭޓަށް ވަނުމުން ސިފަ ވެއެވެ.

މާރުކޭޓުގެ ގޮޅިތަކަށް ޒިޔާރާތްކުރާ މީހުންގެ އެއް ޝަކުވާއެއް އެބަ އޮތެވެ. އެއީ އަނބުގެ އަގު ބޮޑުވުމެވެ. ބައެއް ގޮޅިތަކުން 100 ރުފިޔާއަށް 10 އަނބުގެ ބައެއް ވިއްކާ އިރު ބައެއް ތަންތަނުން ވިއްކަނީ 13 އަނބެވެ. އެވްރެޖް ކޮށް ބަލާއިރު އަނބެއްގެ އަގަކީ 10 ރުފިޔާ އެވެ.

ދަތުރުވެރިންގެ މާރުކޭޓް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަން މިހެން އޮތް ނަމަވެސް މާރުކޭޓުގެ ހުރިހާ ގޮޅިއެއްގައިވެސް އަގު އުޅެނީ އެވްރެޖްކޮށް އެއް ހަމައެއްގައެވެ. ވިއްކަނީ ތާޒާ އަނބެވެ. ވަކަ ވެފައިވާ ނަމަ 100 ރުފިޔާއަށް ދޭ 10 އަނބުގެ ބަޔާ އެކު އޭގެ އަނބެއް ވިއްކައެވެ.

"ޑިމާންޑު ރަނގަޅު. މިއަދުވެސް މިހާތަނަށް އެއް ފޮށިގަނޑު ވިކިއްޖެ. ޑިމާންޑު އޮތީމަ ދޯ ވިއްކޭނީ،" ބުރާސްފަތި ދުވަހު މެންދުރު، މާރުކޭޓު ގޮޅިއެއް ހިންގާ މީހަކު "ސަން" އަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މިހާރު މާރުކޭޓުގައި ވިއްކަން ހުރީ ދެކުނުގެ އަނބެވެ. އަނބު މޫސުމުގައި ރާއްޖެއަށް ނަން މަޝްހޫރު ފުވައްމުލަކު އަނބާއި އައްޑޫ އަނބެވެ. ތެދެކެވެ. ވަކި ވަކިން ހުރިހާ ގޮޅިތަކުގެ ސޭޓުންނާ ވާހަކަ ދައްކާލުމުންވެސް އެންމެންވެސް ބުނަނީ މިހާރު ހުރީ އެ ދެ އަތޮޅުގެ އަނބު ކަމަށެވެ.

ރާއްޖޭގައި އެންމެ އަނބު ގިނައިން ހައްދާ ދެ ރަށަކީ ށ. ފީވަކާއި ޏ. ފުވައްމުލަކެވެ. މިއީ އަނބަށް އެންމެ މަޝްހޫރު ދެ ރަށެވެ. ނަމަވެސް މާރުކޭޓުން މިހާރު ފީވަކުގެ އަނބު ހުސްވެއްޖެއެވެ. އެތަނުގެ ގޮޅިއެއް ހިންގާ އެހެން މީހަކު ކައިރިން އަހާލުމުން ބުނީ ފީވަކު އަނބު ހުސްވިތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.

އަނބަކީ ދިވެހީންގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ މޭވާ އެކެވެ. އަނބު މޫސުމުގައި އަނބަށް އޮންނަ ޑިމާންޑު ވަރަށް މަތިވެއެވެ. ޚާއްސަކޮށް ދޮން އަނބަށެވެ.

ދަތުރުވެރިންގެ މާރުކޭޓް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަނބެއް ކާލާ ހިތުން މިއައީ. ތަންކޮޅެއް އަގުބޮޑީ. އެއީ މައްސަލައަކީ. އެކަމަކުވެސް ގަނެގެން މިދަނީ،" ދެ އަތަށް ދެ އަނބު ކޮތަޅު ލައި ބަރުކޮށްލައިގެން، މާރުކޭޓުން ގެއާ ދިމާލަށް މިސްރާބު ޖަހާލި ޒުވާނަކު ބުންޏެވެ.

އަނބުގެ އަގު ބޮޑުވަނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ހުރިހާ ގޮޅިއަކުންވެސް ބުނަނީ އެއީ ދުވަސްކޮޅުގެ ގޮތުން ކަމަށެވެ. އަދި އަނބު މޫސުން ފައްކާ ނުވެއެވެ. އަދި އޮތީ ކުރިއަށެވެ. ލޯކަލް މާރުކޭޓުން ހެޔޮ އަގުގައި އަދި އަނބު ލިބޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް