ކެންޔާ ރެވެނިއު އޮތޯރިޓީ ހެކްކޮށް، 39 މިލިއަން ޑޮލަރު ވަގަށް ނަގައިފި

ކެންޔާ ރެވެނިއު އޮތޯރިޓީ ހެކްކޮށް 39 މިލިއަން ޑޮލަރު ވަގަށް ނެގި ކަމުގެ ދައުވާގައި ހައްޔަރުކުރި

ނައިރޯބީ (މާޗް 23): ކެންޔާގެ ރެވެނިއު އޮތޯރިޓީ ހެކްކޮށް 39 މިލިއަން ޑޮލަރު ވަގަށް ނެގި ކަމުގެ ދައުވާ އައިޓީ މާހިރެއްގެ މައްޗަށް ކޮށްފި އެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އެ ފައިސާ ވަގަށް ނެގިކަމުގެ ދައުވާ ކޮށްފައިވާ އެލެކްސް މުޓުންގީ މުޓުކޫ އަކީ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުން ވައްކަން ކުރާ ބައިނަލްއަގުވާމީ ވިއުގައަކަށް ނިސްބަތްވާ މީހެކެވެ.

އެވިއުގައިގައި އެމެރިކާ އާއި އެހެނިހެން ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ފުލުހުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނޭ ކަމަށް ކެންޔާއިން ބުންޏެވެ. އަދި އެމީހުންނަކީ ހައި ޓެކް އާލާތްތަކާއި ސޮފްޓްވެއާ ބޭނުންކޮށްގެން ހެކް ކުރާ މީހުން ކަމަށް ކެންޔާގެ ސްޓޭންޑާޑް ނޫހުން ބުނެ އެވެ.

ކެންޔާ ސަރުކާރުގެ ތަރުޖަމާނު އެރިކް ކިރައިތީ ބުނި ގޮތުގައި އެގައުމުން މިހާރު ދަނީ ސަރުކާރު މުވައްޒަފުންގެ ބެކްގްރައުންޑް ޗެކް ހަދަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި މުޓުކޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އޭނާގެ ވަކީލު ޓޭސީ މަކޯރީ ވަނީ މުޓުކޫ ބަންދުގައި ބެހެއްޓޭ ވަރަށް ފުލުހުން ހެކި ދައްކާފައި ނުވާ ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ކެންޔާގެ ސައިބާކްރައިމް ޔުނިޓުން ބުނި ގޮތުގައި ހެކްކޮށްގެން މިދިޔަ އަހަރު ކެންޔާ ސަރުކާރުގެ 165 މިލިއަން ޑޮލަރު ވަގަށް ނަގާފައިވެ އެވެ. އަދި ހެކްކުރި ތަންތަނުގެ ތެރޭގައި އެގައުމުގެ ރެވެނިއު އޮތޯރިޓީގެ އިތުރުން ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދައްކަން ހަދާފައިވާ އޮންލައިން ޕޭމެންޓު ޕޯޓަލްއެއް ވެސް ހިމެނޭ ކަމަށް ކެންޔާއިން ބުނެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް