އެޗްވަންއެންވަންއަށް އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ

އުމުރުން ދުވަސްވީ މީހަކު އައިޖީއެމްއެޗު ކައިރީގައި: ރާއްޖެއިން މިއަދާ ހަމައަށް އެޗްވަންއެންވަންއަށް 169 މީހަކު ޕޮޒިޓިވްވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާއަށް އިއްޔެ ޓެސްޓް ކުރި މީހުންގެ ތެރެއިން 14 މީހަކު އެ ރޯގާއަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޗްވަންއެންވަންއަށް އިއްޔެ 23 މީހަކު ޓެސްޓް ކޮށްފައިވެ އެވެ. އަދި އިއްޔެގެ ނިޔަލަށް ޓެސްޓުކުރި މީހުންގެ ތެރެއިން 14 މީހަކު އެ ރޯގާއަށް ވަނީ ޕޮޒިޓިވް ވެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް 460 މީހަކު އެޗްވަންއެންވަން އަށް ޓެސްޓްކޮށްފައިވާއިރު، އެ ރޯގާއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 169 އަށް އަރާފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ހަތަރު ދުވަހުވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު 1440 މީހަކު ރޯގާ ޖެހިގެން ފަރުވާ ހޯދިއިރު، އެ އަދަދު އިއްޔެ ވަނީ 1337 އަށް ތިރިވެފައެވެ.

އިއްޔެ ފަރުވާ ހޯދި މީހުންގެ ތެރެއިން 867 މީހުންނަކީ އަތޮޅުތެރެއިން ފަރުވާ ހޯދި މީހުންނެވެ.

އަތޮޅު ތެރެއިން އެންމެ ގިނަ ބަޔަކު ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވަނީ، ހދ. (72)، ރ. (89)، ލ. (81) އިންނެވެ.

އެޗްވަންއެންވަން ޖެހިގެން މިހާތަނަށް ރާއްޖެއިން ތިން މީހަކުވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

comment ކޮމެންޓް