މުދާއުފުލާ ދޯންޏެއް ފުނަދޫ ނެރުމައްޗަށް އަރައިފި

"ފެސްކޯ" ދޯނި ފުނަދޫ ނެރުމައްޗަށް އަރާފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކ. ފުނަދޫ ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އަރައިފި އެވެ.

މިއަދު ހެނދުނު 8:15 ހާއިރު ފުނަދޫ ނެރުމައްޗަށް އަރާފައި ވަނީ "ފެސްކޯ" ނަމަކަށް ކިޔާ 75 ފޫޓުގެ ދޯންޏެކެވެ. އެ ދޯންޏަކީ ށ. ބިލެއްފަހީ ދޯންޏެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އެ ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯންޏަކީ ވިލިމާލެއިން ފުނަދޫއަށް ސިމެންތި ބަރުކޮށްގެން ދިޔަ ދޯންޏެއް ކަމަށާއި، ދޯނި ނެރު މައްޗަށް އަރާފައި ވަނީ ފުނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ދޯނީގެ ވެރިފަރާތުން ގެނައި އެހެން ދޯންޏަކަށް އެ ދޯނީގައި ހުރި ސިމެންތި ބަސްތާތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެމްއެންޑީއެފުންވެސް ސިމެންތި ބަސްތާތައް އެ ދޯނިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި ދޯންޏަށް އަދި މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

comment ކޮމެންޓް