ސިޒޭރިއަން ހެދި އަންހެން މީހާއާއި ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: ހާލު ދެރަވެގެން ހދ. ކުޅުދުއްފުށިން މިދިޔަ ބުދަ ދުވަހު މާލެ ގެނެސް، އައިޖީއެމްއެޗުގައި ސިޒޭރިއަން ހެދި އަންހެން މީހާއާއި އޭނާގެ ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނޭ--- ފޮޓޯ/ ފަޔާޒު މޫސާ

ސްވައިން ފްލޫ ޖެހުނު މާބަނޑު މީހާއާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ހާލު ދެރަވެގެން ހދ. ކުޅުދުއްފުށިން މިދިޔަ ބުދަ ދުވަހު މާލެ ގެނެސް، އައިޖީއެމްއެޗުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވަނީ މާލެ ގެނައި ދުވަހުގެ ރޭގައެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވަނީ ބަނޑަށް ހަ މަހުގައެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "ސަން"އަށް ވިދާޅުވީ، އަންހެން މީހާ އާއި ސިޒޭރިއަން ހަދައިގެން ނެގި ދަރިފުޅަށް އެ ހޮސްޕިޓަލުގައި ފަރުވާ ދޭތާ ފަސް ދުވަސް ވެފައިވާއިރު ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"ކުޑަ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އެންއައިސީޔޫގައި. އަންހެން މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި، އައިސީޔޫގައި،" މައުސޫމް ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޓެސްޓްކޮށްފައި ވަނީ 36 މީހެކެވެ. އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 24 މީހެކެވެ.

އަދި އެޗްވަންއެންވަން އަށް ޕޮޒިޓިވް ވި 22 މީހަކު އެޑްމިޓްކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އެ ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައެވެ. އެންމެ ފަހުން އެ ބަލީގައި ނިޔާވެފައިވަނީ އައިޖީއެމްއެޗް ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، އިއްޔެ ހަވީރު ނިޔާވި 46 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

comment ކޮމެންޓް