އަދަބީ މުބާރާތްތައް ފޫހި، ފޯރިގެންނަން ޖެހޭ!

ވާހަކަ ދެއްކުމުގެ މުބާރާތުގައި ކުއްޖަކު ވާހަކަ ދައްކަނީ--- ފޮޓޯ: ބަހުގެ އެކަޑެމީ

ދުއިސައްތައަށް ވުރެ ގިނަ ކުދީން ބައިވެރިކޮށްގެން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތެއް ނިންމާލައިފި އެވެ. ގައުމީ ޓީވީން އެ މުބާރާތް ދައްކަން ވެސް ދެއްކި އެވެ. މިހާރު ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް ވެސް ފަށައިފި އެވެ. ސްކޫލް ކުދީންގެ ލަވަ ކިޔުމުގެ މުބާރާތް ވެސް ކޮންމެ އަހަރަކު ކުރިއަށް އެބަގެންދެ އެވެ. މިކަންކަން އެނގެނީ ކިތައް މީހުންނަށްތޯ ހަމަ ސުވާލު އުފެދެ އެވެ. އެ ޕްރޮގުރާމްތައް ވެސް ޓީވީން ދައްކަ އެވެ. ސުވާލަކީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ މޯލްޑިވިއަން އައިޑަލް އާއި އެންމެ އަލިގަދަ ތަރި ފަދަ ޕްރޮގުރާމްތަކާ ކައިރިކޮށްލާވަރުގެ ތަރުހީބެއް ވެސް ކުރީން މި ދަންނަވާލި މުބާރާތްތަކަށް ނުލިބެނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. ހާއްސަކޮށް އަދަބީ އެކިއެކި މުބާރާތްތަކަށް އާންމުންގެ ތަރުހީބް ކުޑަ އެވެ.

އެންމެ ފަހުން ނިމުނު ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތާ ގުޅޭ ގޮތުން ދިވެހި ބަހުގެ އެކަޑެމީން ގަބޫލު ކުރާގޮތުގައި އަދި ވެސް އެމުބާރާތުގެ ފޯރި ވަރަށް ވެސް ގަދަ އެވެ. އެ އެކަޑަމީގެ މެމްބަރު އަދި މޮޅު ވާހަކަ ދެއްކުންތެރިއެއް އަދި ކޯޗެއް ކަމަށްވާ މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވި ގޮތުގައި މިހާރު މުބާރާތުގައި ބައިވެރިވާ ކުދީންގެ އަދަދު އިތުރުވެ ފޯރިވެސް ގަދަ އެވެ. އަދި ކުރިއަށް ވުރެ މިހާރު މާ މޮޅެތި ވާހަކަ ދެއްކުންތެރީން އުފެދެމުންދާ ކަމަށް ކާނަލް ވިދާޅުވި އެވެ.

"މިހާރުގެ ކުދިން މާމޮޅުވާނެ. އަޑަށް ގެންނަ ބަދަލަށް ބެލިޔަސް، ބަހުގެ ހަމައާއި މައުލޫމާތު ވެސް މާރަނގަޅުވާނެ،" ކާނަލް ވިދާޅުވި އެވެ.

ސުވާލަކީ އެފޯރި އޮތީ ދެ ކޯޗުންގެ ދެމެދުގައިތޯ އެވެ؟ ނުވަތަ ދެ ސްކޫލުގެ ދެމެދުގައިތޯ އެވެ؟ އެކަން ބަލައިގަންނަ އާންމުން ކޮބައިތޯ އެވެ. ވާހަކަ ދެއްކުމުގެ މުބާރާތް ގައުމީ ޓީވީން ދައްކާ އިރު ބަލަން ތިބެނީ ކިތައް މީހުންބާ އެވެ. އެސްއެމްއެސް ކުރަން ހުޅުވާލިކަން އެނގޭ މީހަކު ސޯޝަލް މީޑިއާގައި ވެސް އުޅޭބާ އެވެ.

ވާހަކަ ދެއްކުމުގެ މުބާާރާތް ބެލުމަށް ބެލެނިވެރިންނާއި ކުދިން ހޯލްގައި-- ފޮޓޯ: އެކަޑެމީ

ވާހަކަ ދެއްކުމުގެ މުބާރާތުގައި ވާހަކަ ދެއްކުންތެރިއެއްގޮތަށް އަދި ކޯޗެއް ގޮތަށް 11 އަހަރު ހޭދަކޮށްފައިވާ އަލީ އަމީރު ވިދާޅުވި ގޮތުގައި އެ މުބާރާތް ފޯރިގަދަކަން މީހުންނަކަށް ނޭނގެ އެވެ. ސަބަބަކީ މުބާރާތް ރަނގަޅަށް މާކެޓް ނުކުރެވޭތީ އެވެ.

"މުބާރާތުގެ ފޯރި ވަރުގަދަ ކުރުމަށް އެކަޑެމީން، މުބާރާތް މިހާރަށް ވުރެ ބޮޑަށް އިޝްތިހާރު ކުރަން ޖެހޭ. ބެލެނިވެރިން ވަރަށް ފޯރިގަދަ. ސުކޫލުތަކުން ވަރަށް އިސްކަންދޭ. ހަމައެކަނި މައްސަލައަކީ މީހުންނަކަށް ނޭނގެ ޓީވީން ދައްކަނީ ވެސް މުބާރާތް ނިމޭފަހުން. ކުރިއަށްދާ ގަޑީގައި ފެންނަން ޖެހޭ. މުބާރާތުގެ ފޯރިހިފާނީ އޭރުން،" އަމީރު ވިދާޅުވި އެވެ.

ކޮންސެޕްޓް ބަދަލުކުރަން ޖެހޭ!

މޯލްޑިވިއަން އައިޑޮލް އާއި އަލިގަދަތަރި ފަދަ މީހުންގެ މަގުބޫލްކަން ހޯދާފައިވާ ޕްރޮޑަކްޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މުޖުތަބާ ރަޝީދު (މުޖޫ) ވިދާޅުވީ އެފަދަ މުބާރާތްތަކަށް މީހުންގެ ޝައުގުވެރިކަން ނޯންނަނީ ކޮންސެޕްޓް ރޭވޭ ގޮތުން ކަމަށެވެ. މިހާރު މީހުން ޝައުގުވެރިވަނީ ރިއަލިޓީ ޝޯތަކަށް ކަމަށާއި އެގޮތަށް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ގުރުއާން މުބާރާތެއް ވެސް އަދަބީ މުބާރާތެއް ފޯރިއާއެކު ނުހިނގާނެ އެގޮތަކަށް. އެއީ ކުރީގެ ގޮތްގޮތް މިހާރު ބޭނުންވަނީ ޓެލެންޓް ދެއްކުން. ޒަމާނަށް ބަދަލުވާންޖެހޭ،" މުޖޫ ވިދާޅުވި އެވެ.

ވޯޓްދިނުމަށް ނުވަތަ އެހެންގޮތަކަށް ނަމަވެސް އާންމުން ބައިވެރިކޮށްގެން އެ ޝޯއެއް ކުރިއަށް ގެންދިއުމަކީ ފޯރި ގަދަކުރުމަށް ކުރެވޭނެ ކަންކަން ކަމަށް މުޖޫ ވިދާޅުވި އެވެ.

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގައި އާންމުންގެ އެސްއެމްއެސްއިން މިހާރު ވެސް އެންމެ މަގުބޫލް ވާހަކަދެއްކުންތެރިޔާ ހޮވަ އެވެ. ނަމަވެސް ވޯޓްލާން ހުޅުވާލި އިރު މުބާރާތް ވަނީ ނިމިފަ އެވެ.

މުބާރާތައް ބަދަލުތަކެއް ގެންނަން ޖެހޭ!

ވާހަކަ ދެއްކުމުގެ މުބާރާތް ކުރިއަށް ގެންދަނީ ކުރިއާލާ ވާހަކަ ދައްކަން ޖެހޭ މައުލޫތަކެއް ދީގެންނެވެ. މުބާރާތުގައި ވާހަކަ ދައްކަންޖެހެނީ އެމައުޟޫތަކުގެ ތެރެއިން ގުރުއަތަކުން ނެގޭ މައުޟޫއަކަށެވެ. އެއީވެސް އަދަބީ ދާއިރާގެ އެތައް ބަޔަކު ފާޑު ކިޔާ ސަބަބެކެވެ. މީހުން ލައްވައި ދައްކަން ޖެހޭ ވާހަކަ ލިޔެގެން ދާކަމަށް އެފަރާތްތަކުން ބުނެ އެވެ.

މިއަހަރު ވެސް ތިން ސުކޫލަކަށް ކޯޗްކަން ކޮށްދީފައިވާ އަމީރު ވިދާޅުވި ގޮތުގައި މިހާރު ބައިވެރިވާ ދަރިވަރުންގެ ފެންވަރު ރަނގަޅު ނަމަވެސް އެކުދީންގެ ހުނަރު އެކަށީގެންވާ ގޮތަށް މުބާރާތުގައި "ޖަޖް" ނުކުރެވެ އެވެ.

"ހަތަރު ވަރަކަށް ބުރަށް ބަހާލައިގެން އެކި ބައިތަކަށް ބަހައިގެން ކުދިންގެ ފެންވަރު ދެނެގަންނަން ޖެހޭ. އެގޮތުން މިސާލަކަށް އޮޑިޝަން ބުރެއް، ކުއްލި މައުލޫ، ބަހުސް، ސުވާލާ ޖަވާބް، ޕްރެޒެންޓޭޝަން، މިއީ ހައްތަހާ ވެސް ކުދިން ޓެސްޓް ކުރެވޭނެ ގޮތްގޮތް،" އަމީރު ވިދާޅުވި އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރާގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކާނަލް ވެސް ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ވާހަކަ ދެއްކުމުގެ އެކި ހުނަރުތަކަށް ފަނޑިޔާރުކަން ކުރަން ވަކިވަކި ފަނޑިޔާރުން ތިބުން މުހިންމުކަމަށް ކާނަލް ވިދާޅުވި އެވެ.

ކޮންމެއަކަސް މިކަންކަން ޒަމާނާ އެއްގޮތަށް ބަދަލުވާން އެބަ ޖެހެ އެވެ. އެކަން ވާނީ ކަންކުރާން ތިބި ފަރާތްތަކުން، ޒިންމާދާރުކަމާ އެކު ކަމުގެ ހަގީގީ މަގުސަދަށް ވާސިލްވާން މަސައްކަތް ކޮށްގެންނެވެ. އަހަރީ ކަލަންޑަރުގައި ފާހަގަކޮށްފައި އޮންނާތީ ދުވަހެއް ފާހަގަ ކުރުމުގެ ބަދަލުގައި ނަތީޖާ ނެރުމަށް މަސައްކަތް ކުރަންޖެހެ އެވެ. މިކަންކަން ހާސިލްކުރެވޭނީ، މީހުންގެ ޝައުގުވެރިކަން ލިބޭ ގޮތަށް ދިރާސާތައް ހަދައި ކޮންސެޕްޓްތައް ރާވައިގެންނެވެ. އަދަބީ މުބަރާތްތައް ފޫހިވެފައި ވަނީ އެކަންކަން ކުރާން ޖެހޭ ގޮތަށް ނުކުރެވޭތީ އެވެ.

comment ކޮމެންޓް