Sun Online
މޫސަލްގައި އިރާގު ސިފައިން ހަރަކާތްތެރިވަނީ
މޫސަލްގައި އިރާގު ސިފައިން ހަރަކާތްތެރިވަނީ

އިރާގުގެ މޫސަލްގައި ދިރިއުޅޭ ފަސްލައްކައެއްހާ އާންމުން މަރާކުރިމަތިލާން ޖެހިފައި

މުހައްމަދު ޖަވާދު ޔޫސުފު
ލިޔުނީމުހައްމަދު ޖަވާދު ޔޫސުފު

މޫސަލް (މާޗް 20) : އައިއެސް ޖަމާއަތުގެ އަތްދަށުން އިރާގުގެ އުތުރުގެ ސިޓީއެއްކަމަށްވާ މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ އާދަޔާ ޚިލާފަށް ގަދަވެފައިވާއިރު އެސިޓީގެ ހުޅަނގުގައި ދިރިއުޅޭ ފަސްލައްކައެއްހާ އާންމުން މަރާކުރިމަތިލާން ޖެހިފައިވާ ކަމަށާ އެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިކަން ބަޔާންކުރަމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިރާގުގެ މުސްތަގިއްލު ޖަމްއިއްޔާއެއްކަމަށްވާ އިރާގީ އެބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް، އިން ބުނީ މޫސަލްގެ ހުޅަނގު ފަޅީގެ އަވަށްތަކުގެ މަގުތަކާއި ގޯޅިތަކާއި އިމަރާތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށާއި މިހަނގުރާމައިގާ ދިފާއީ އައްޑަނައެއްގެ ގޮތުގައި އައިއެސް އިން މޫސަލްގެ ފަސްލައްކައެއްހާ މީހުން ބޭނުން ކުރަމުންގެންދާ ކަމުގަ އެވެ.

އިރާގީ އޮބްޒަވޭޓްރީ ބުނާ ގޮތުން އައިއެސްގެ ހަނގުރާމަވެރިން އިރާގު ސިފައިންނަށް ހަމަލާދެމުން ގެންދަނީ ހަށިގަނޑުގައި ބޮމާއި ގޮވާތަކެތި ހަރުކޮށްގެން އަމިއްލައަށް މަރުވެގެންކަމަށާއި އަމިއްލައަށް މަރުވެގެން އިރާގު ސިފައިންނަށް ހަމަލާދިނުމަށް މޫސަލްގެ އާންމުންނަށް އައިއެސް ގެ ހަނގުރާމަވެރިން މަޖްބޫރުކުރަމުން ގެންދާކަމުގަ އެވެ. މީގެއިތުރުން މިހަނގުރާމައިގެ ތެރޭގައި ތާށިވެފައިވާ މޫސަލްގެ ކުށެއްނެތް އާންމުން ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އަސާސީ ވަސީލަތްތަކުން މަހްރޫމްކޮށްފައިވުމުގެ ސަބަބުން ގިނަބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާކަމަށް ވެސް އިރާގީ އެބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސްގެ ބަޔާން ބުނެ އެވެ.

މޫސަލްގެ ހުޅަނގު ފަޅީގައިވާ އިމާރާތްތަކުގެ ތެރޭގައި ފިލައިގެންއުޅޭ އައިއެސްގެ ހަނގުރާމަވެރިންނަށް އިރާގު ސިފައިންނާއި އެމެރިކާ ސިފައިން ހަމަލާދެނީ ވައިގެ މަގުން އަޕާޗޭ ހެލިކޮޕްޓަރުންނާއި ފައިޓަރ ޖެޓްތަކުންނެވެ. އައިއެސްގެ ހަނގުރާމަވެރިން އެމީހުންގެ ދިފާއީ އައްޑަނައަކަށް މޫސަލްގެ އާންމުން ހަދާފައިވާއިރު އައިއެސްގެ ހަނގުރާމަވެރިން ބަލިކުރުމަށް ޓަކައި އަޕާޗޭ ހެލިކޮޕްޓަރުން ހަމަލާދީ ފައިޓަރ ޖެޓްތަކުން ބޮންއަޅަމުން ދިޔުމުގެ ސަބަބުން އައިއެސްގެ ހަނގުރާމަވެރިންގެ އިތުރުން އެމީހުން ދިފާއީ އައްޑަނައަކަށް ބޭނުންކުރާ މޫސަލްގެ އާންމުން ވެސް ޑަޒަން ޑަޒަނަށް މަރުވަމުންދާކަމަށްވެ އެވެ.

މޫސަލްގެ ހުޅަނގު ސަރަހައްދުގެ ބައެއް އަވަށްތަކުގައި އައިއެސް ޖަމާއަތުގެ ގިނަ ހަނގުރާމަވެރިންތަކެއް އަދިވެސް ފައިހަރުކޮށްލައިގެން އެބަތިއްބެވެ. އެމީހުންނަށް އޮތީ އަމާންދިނުން ނޫނީ ހަނގުރާމަކޮށްގެން މަރުވުންކަމަށް ވިދާޅުވެ އިރާގުގެ ބޮޑުވަޒީރު ޑރ. ހައިދަރުލްއަބާދީ މިދިޔަ ހަފްތާގައިވަނީ އައިއެސް އަށް އިންޒާރު ދެއްވާފައެވެ. މޫސަލްގެ އިރުމަތީ ފަޅި މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އައިއެސްގެ އަތްދަށުން ވަނީ މިނިވަން ކޮށްފަ އެވެ. އަދި މޫސަލްގެ ހުޅަނގު ފަޅީގެ 80 އިންސައްތަ ބިމާއި އިމާރާތްތައް ވެސް މިހާރު ވަނީ އައިއެސްގެ އަތްދަށުން މިނިވަންކުރެވިފަ އެވެ. މީގެތެރޭގައި މޫސަލްގައިވާ އިރާގު ސަރުކާރާއި ދައުލަތުގެ އިމާރާތްތައް ހިމެނެ އެވެ. ނަމަވެސް މޫސަލްގެ ހުޅަނގު ފަޅީގެ ބައެއް ސަރަހައްދުތައް އަދިވެސް ވަނީ އައިއެސްގެ އަތްދަށުގައެވެ.

މޫސަލްގެ ބޮޑުބައި އައިއެސްގެ އަތްދަށުން މިނިވަންކުރެވުނު އިރު އެސިޓީވަނީ ވަރަށްބޮޑަށް ވީރާނާވެފަ އެވެ. ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސަރުކާރުގެ އިމާރާތްތައް ފަދަ ތަންތަންވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. މޫސަލްގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ ރެފިއުޖީންނަށްވެ ހާލުގައިޖެހިފަ އެވެ.

އިރާގު ސިފައިން މޫސަލް މިނިވަންކުރުމާ ގާތްވެފައިވާއިރު އައިއެސްގެ ލީޑަރު އަބުބަކްރުލްބަޣްދާދީ އާއި އެޖަމާއަތުގެ އިސް ކޮމާންޑަރުންތައް މޫސަލް ދޫކޮށް އަވަށްޓެރި ސޫރިޔާގައިވާ އައިއެސްގެ ހާލިތަކަށް ފިލައިގެން ގޮސްފައިވާކަމަށް ޚަބަރުތައް ބުނެ އެވެ. މިހާރު މޫސަލްގައި ތިބިކަމަށްވަނީ މަރުވަންދެން ހަނގުރާމަކުރުމަށް އަޒުމް ކަނޑައަޅާފައިވާ އައިއެސްގެ އާދައިގެ ހަނގުރާމަވެރިންނެވެ.

ސޫރިޔާގެ އައްރިއްޤާ އަކީ އައިއެސްއިން އިޢްލާންކޮށްފައިވާ އިސްލާމީ ޚިލާފަތުގެ ވެރިރަށެވެ. އިރާގު ސިފައިން މީގެކުރިންވަނީ އައިއެސް ގެ ކޮންޓްރޯލް އޮތް އިރާގުގެ ރަމާދީ ސިޓީއާއި ފައްލޫޖާ ވެސް މިނިވަންކޮށް އެދެ ސިޓީން އައިއެސްގެ ބާރުތައް ފައްސާލުމުގައި ކާމިޔާބީއާއި ނަސްރު ހޯދާފަ އެވެ. (ރޮއިޓާސް)

infinity loading...
×
DB released 01.