ފިނޭންސްގެ ހުއްދަ ނެތި، އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ލިބިގެން ނޫން ގޮތަކަށް "މިނިވަން 50"ގެ އެއްވެސް މަސައްކަތެއް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ތުހުމަތު ކުރެއްވި ކޮރަޕްޝަންގެ މައްސަލަތަކަށް ރައްދު ދެއްވައި އުމަރު "ސަން"އަށް ވިދާޅުވީ 'މިނިވަން 50'ގެ މަސައްކަތްތައް ހަވާލުކުރީ އޭރުގެ ފިނޭންސް މިނިސްޓަރު ޖިހާދު ލިޔުމުން ހުއްދަދީގެންކަން ލިޔެކިޔުންތަކުން އެނގެން ހުންނާނެ ކަމަށެވެ.

"އޭރުގެ ފިނޭންސް މިނިސްޓަރު ލިޔުމުން ހުއްދަދެއްވައިގެން ނޫން ގޮތަކަށް މިނިވަން 50ގެ އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ފަރާތަކަށް ހަވާލުކޮށްފައިނުވާނެ. އެ ލިޔެކިޔުންތައް ހޯމް މިނިސްޓްރީގައި ހުންނާނެ. އެކަމާ ގުޅިގެން ޒިމާވާން ޖެހެންޏާ ޒިންމާވާން ޖެހޭނީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިނިވަން50 ގެ މަސައްކަތްތަކެއް ހިންގަމުންދިޔައިރު ހޯމް މިނިސްޓްރީން ލިޔުމުން ދައުވަތުދީގެން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހުން އެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލަމުންދިޔަ ކަމަށެވެ. އަދި އެ ދެ އޮފީހުގެ މުވައްޒަފުންނަށް މިނިވަން50 ގެ އޮފީހުގައި ޚާއްސަ މޭޒެއް ބަހައްޓާފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިނިވަން50 ގެ ހުރިހާ ކަމެއް ނިމެންދެން އެބޭފުޅުން [އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން] ގެންދެވީ އޮފީހުގައި ހިނގަމުންދިޔަ ހުރިހާ މުއާމަލާތްތަކެއް ބައްލަވަމުން. އޮޅުންފިލުވަންޖެހޭ ކަންތައްތައް އޮޅުންފިލުވައި މުވައްޒަފުންނަށް މަގު ދައްކަވަމުން. މިނިވަން50 ގެ މަސައްކަތްތައް ނިމުނުއިރު އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނެތް،" އުމަރު ވިދާޅުވިއެވެ.

މިނިވަން50ގެ ކަންތައްތައް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމެޓީގައި ހޯމް މިނިސްޓަރުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޔޫތު މިނިސްޓަރާއި ރައީސް އޮފީހުގެ މިނިސްޓަރެކެވެ.

އުމަރު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބަށް މަސައްކަތް ފަށާއި "ތެދުވެރި ވެރިކަމެއް ރާއްޖެއަށް ގެނައުމަށް" އޭނާ މަސައްކަތް ފެށި ހިސާބުން މައްސަލައެއް އުފަން ކުރުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

ހޯމް މިނިސްޓްރީގައި މިއަދު ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު، މިނިސްޓްރީގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތް "ބައިޕާސްކޮށް" އޭރުގެ މިނިސްޓަރު ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލު ކުރި ކަމަށެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ބޮޑެތި އަދަދުތަކުގެ ފައިސާގެ މަސައްކަތްތައް، މާލިއްޔަތު ގާނޫނާ ހިލާފަށް ހަވާލު ކުރި ކަމަށާއި އަގު ނުހޯދައި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

މިނިވަން 50ގެ މަސައްކަތްތައް އެއްބަސްވުމެއް ނެތި ހަވާލުކޮށްފައިވާ މައްސަލަ ވެސް ފެންމަތިވެފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އުމަރު ނަސީރު ހޯމް މިނިސްޓްރީ ހިންގެވިއިރު، ތަކުރާރުކޮށް އެއްބަޔަކަށް މަސައްކަތް ހަވާލުކޮށްފައިވާކަން ރެކޯޑުތަކުން ފެންނަން އެބަހުރި ކަމަށެވެ.

comment ކޮމެންޓް