އިނގިރޭސި ދައުލަތުން ވަކިވުމާމެދު ސްކޮޓްލެންޑްގައި އަނެއްކާ ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

ލަންޑަން (މާޗް 20) : ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތް ނިންމުމުން، އިނގިރޭސި ރަސްކަމުގެ އިއްތިޙާދު (ޔުނައިޓެޑް ކިންގްޑަމް)ގައި ހިމެނޭ ސްކޮޓްލެންޑް، އިނގިރޭސި ދައުލަތުން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާ މިކަން ލަސްނުކުރެވޭނެ ކަމަށް ސްކޮޓްލެންޑުގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު)، ނިކޮލާ ސްޓާޖަން ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ "އައިޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ސްޓާޖަން ވިދާޅުވީ ސްކޮޓްލެންޑް އިނގިރޭސި ދައުލަތުން ވަކިވުމަށް ތާއީދުކުރާ ރައްޔިތުންގެ ނިސްބަތް އިތުރުވަމުންދާކަމަށާއި އެންމެ ލަސްވިޔަސް 2018 ވަނަ އަހަރުގެ ފަހުކޮޅާއި 2019 ވަނަ އަހަރުގެ ކުރީކޮޅާ ދެމެދު މިވޯޓު ނެގުމަށް ރާވަމުންދާ ކަމުގަ އެވެ.

އިނގިރޭސި ދައުލަތުން ސްކޮޓްލޭންޑް ވަކިވުމުގެ އަޑު އަނެއްކާ ވެސް ގަދަވެފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ސްކޮޓްލެންޑްގެ ގިނަ މީހުންނަކީ ޔޫރަޕްގެ އިއްތިޙާދުގައި ދެމިތިބުމަށް ބޭނުންވާ ބައެކެވެ. އެހެންކަމުން ބްރެކްސިޓް އަށް ފަހު އިނގިރޭސި ދައުލަތުން ސްކޮޓްލޭންޑް ވަކިވުމާމެދު ރައްޔިތުންދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ އިތުރު ވޯޓެއްނެގުމަށް ސްކޮޓްލެންޑްގެ ސިޔާސީ ފަރާތްތަކުންނާއި ސަރުކާރުން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުން ސްކޮޓްލެންޑް ވަކިވުމާބެހޭ ގޮތުން ސްކޮޓްލެންޑްގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އެ ވޯޓުގައި އިނގިރޭސި ދައުލަތުގައި ސްކޮޓްލެންޑް ދެމިއޮތުމަށް 55 ޕަސެންޓް ވޯޓު ދީފައިވާ އިރު ވަކިވުމަށް ވޯޓު ދީފައިވަނީ 45 ޕަސެންޓް މީހުންނެވެ.

އެދުވަސްވަރު ސްކޮޓްލެންޑަށް މިވޯޓު ނާކާމިޔާބުވީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ކޮންޒަވެޓިވް ޕާޓީއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންއުޅޭ ލެބަރަލް ޑިމޮކްރަޓިކް ޕާޓީއާއި އިދިކޮޅު ލޭބަޕާޓީ ގުޅިގެން ހިންގި ވަރުގަދަ ކޭންޕޭންގެ ސަބަބުންނެވެ. އެ ކެމްޕޭނުގައި އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ކެމެރޮންގެ ކޯލިޝަންގައި ހިމެނޭ ލެބަރަލް ޑިމޮކްރަޓިކް ޕާޓީގެ ޒަޢީމް ނިކް ކްލެގް ވަނީ ސްކޮޓްލެންޑް މިނިވަންކަން އިއުލާން ކުރުމަށް ވޯޓު ދިނުމަކީ އިނގިރޭސި ދައުލަތް ވަރަށްބޮޑަށް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ މިކަން ނުކުރުމަށް ސްކޮޓްލޭންޑްގެ ރައްޔިތުންނަށް އާދޭސް ކުރައްވައިފަ އެވެ.

ސްކޮޓްލެންޑްގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ދެމިއޮތުން ކަމަށާއި މިނިވަންކަން އިޢްލާން ކުރުމަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު މުޅިން ބަލިކަށިވެ ރޫޅި އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި އިނގިރޭސި ދައުލަތަށް ލިބިފައިވާ ބާރާއި ގަދަރާއި މަގާމު ގެއްލިގެންދާނެ ކަމެއްކަމަށް ބުނެ އިނގިރޭސި ސިޔާސީ ފަރާތްތަކުން ވަރުގަދަ ޕްރޮޕަގެންޑާތަކެއް ވެސް ސްކޮޓްލެންޑްގެ ރައްޔިތުންނަށް އަމާޒުކޮށް ފަތުރަމުން ގެންގޮސްފައިވެ އެވެ.

އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ހިމެނެނީ އިނގިރޭސިވިލާތުގެ އިތުރުން ސްކޮޓްލެންޑާއި ވޭލްޒް އާ އަދި އުތުރުއައިލެންޑެވެ. މީގެ ތެރެއިން ސްކޮޓްލެންޑް، މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ބެލުމަށް ވޯޓު ނެގީ ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެންނެވެ. މިހާރު ސްކޮޓްލެންޑްގެ ގާނޫނު ހަދާމަޖިލީހުން މިފަދަ ވޯޓެއް ނެގުމަށް ކުރިއަށްވުރެ ވެސް ބޮޑަށް ތާއީދުކުރެ އެވެ. މިކަމަށް ހުރަސްއެޅޭތޯ ނޫނީ މިކަން ލަސްކުރެވޭތޯ މަސައްކަތްކުރަމުން ގެންދަނީ އިނގިރޭސި ސަރުކާރުންނެވެ. ބޮޑުވަޒީރާ ތެރީސާ މޭގެ ސަރުކާރުންނެވެ.

މިދިޔަ ހަފްތާގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭގެ ނަތިޖާ ދައްކާގޮތުން އިނގިރޭސި ދައުލަތުގައި ސްކޮޓްލެންޑް ދެމިއޮތުމަށް 53 ޕަސެންޓް މީހުން (ސްކޮޓްލެންޑްގެ ރައްޔިތުން) ތާއީދުކުރާއިރު ވަކިވުމަށް 47 ޕަސެންޓް މީހުން ތާއީދުކުރެ އެވެ. މިއީ ކުރިޔަށްވުރެ ތިނެއް ޕަސެންޓް އިތުރުވުމެކެވެ. އެހެން ބައެއް ސާވޭތަކުން މިނިސްބަތް އުޅޭނީ ދާދި އެއްވަރެއްގައި ކަމަށް ވެސް ދައްކަ އެވެ.

ސްކޮޓްލޭންޑްގެ ރައްޔިތުން އިނގިރޭސި އިއްތިޙާދީ ދައުލަތުން ވަކިވެއްޖެ ނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު ވެސް އިނގިރޭސިވިލާތަށް ގެއްލިގެންދާނެ އެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް މިނިވަންވެއްޖެ ނަމަ ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި ދެމިއޮވެވޭވަރަށް ވުރެ މާބޮޑަށް އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާއި އަސްކަރީގޮތުން އިނގިރޭސި ދައުލަތް ބަލިކަށިވެގެންދާނެ އެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަލާމަތީ މަޖިލީހުގައި އިނގިރޭސިވިލާތަށް ލިބިފައިވާ ދާއިމީ ގޮނޑި ވެސް މުސްތަގްބަލްގައި އިނގިރޭސިވިލާތަށް ގެއްލުމުގެ ފުރްސަތު ވެސް ކުޑައެއްނޫނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު