އާސެނަލްގެ މުހިއްމު ދެ ކުޅުންތެރިޔަކަށް އަނިޔާވެ، އެ ކްލަބަށް މި ސީޒަނުގައި ކުރިއަށްދިޔުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ހޮނިހިރު ދުވަހު ހަވީރު ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް 3-1ގެ ނަތީޖާއަކުން ބަލިވި އިރު، އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ޕީޓާ ޗެކްއާއި ފޯވަޑް އެލެކްސިސް ސަންޗޭޒަށް ވަނީ އަނިޔާވެގެން ދަނޑުން ބާލައިފައެވެ.
ސަންޗޭޒަށް ލިބިފައިވާ އަނިޔާއާ ގުޅޭ ގޮތުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒްގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވާ ކަމަށާއި ފެންނަ ފެނުމަށް އޭނާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށެވެ.
"ސަންޗޭޒްގެ ކުޑަ ހުޅަށް އަނިޔާވީ. ފެންނަ ފެނުމަށް އެހާ ރަނަގަޅެއް ނޫން އޭނައަށް ލިބިފައިވާ އަނިޔާ،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ސަންޗޭޒަށް އަނިޔާވީ މެޗުގެ ފުރަތަމަ ހާފުގައި ކަމަށާއި ނަމަވެސް 78 ވަނަ މިނިޓާ ހަމައަށް އޭނާ ދަނޑުމަތީގައި ހުރީ ހިތްވަރު ގަދަކަމުން ކަމަށެވެ. އަދި ދެވަނަ ހާފުގައި ކުޅެން އަރަން ނިންމި ނިންމުމަކީ ސަންޗޭޒް އަމިއްލައަށް އެދިގެން ނިންމި ނިންމުމެއް ކަމަށެވެ.
ވެންގާ ބުނީ ދެވަނަ ހާފު ފެށިގެންވެސް ސަންޗޭޒަށް އަނިޔާގެ ސަބަބުން މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވުމުން އޭނާ ބަދަލު ކުރަން ނިންމީ ކަމަށެވެ. ސަންޗޭޒް ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ބްރޮމް ކޮޅަށް ލަނޑެއް ކާމިޔާބު ކޮށްފައެވެ.
"އަހަރެން ބުނިން ދެވަނަ ހާފުގައި ކުޅޭނެ ކަމެއް ނެތޭ. އެކަމަކު އޭނަ ބޭނުންވީ ދެވަަނަ ހާފުގައި ވެސް ކުޅެން. ފުރަތަމަ ހާފުގައި އާސެނަލް އިން އުފެއްދި ހަމަލާއެއްއް ވިއްޔާ އެފެއްދީ އޭނަ، ނަމަވެސް ދެވަނަ ހާފުގައި ފެނުނީ ވަރަށް ދައްކޮށް ސަބަބަކީ އޭނަގެ ފަޔަށް ލިބިފައިވާ އަނިޔާ،" ވެންގާ ބުންޏެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭގައި ޗިލީއާ އާޖެންޓީނާ ބައްދަލުކުރާ މެޗުގައި ސަންޗޭޒަށް ކުޅެވޭނެ ތޯ ސުވާލުކުރުމުން ވެންގާ ބުނީ ލިގަމެންޓް ހަލާކުވެފައި ހުރެއްޖިއްޔާ އޭނާއަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.
މި މެޗުގައި އާސެނަލްގެ ކީޕަރު ޗެކްއަށް ވެސް ވަނީ އަނިޔާވެފައެވެ. ޗެކްގެ ފަޔަށް އަނިޔާވެގެން އޭނާ ވަނީ ފަރުވާ ބޭނުންވާ ކަމަށް ބެންޗަށް އިޝާރަތް ކޮށްފައެވެ. އަދި 38 ވަނަ މިނިޓްގައި ޗެކް ވަނީ ބަދަލުކޮށްފައެވެ.
ޗެކްއާ ސަންޗޭޒަށް އަނިޔާވެފައިވާ އިރު ވެސްޓް ބްރޮމްއާ ދެކޮޅަސް އާސެނަލް މި މެޗަށް ނުކުތް އިރު އެޓީމުގެ މުހިއްމު ކުޅުންތެރިއާ މެސުޓް އޮޒިލްވެސް ހުރީ އަނިޔާގައިކަން ފާހަގަކޮށްލާން ޖެހެއެވެ.