ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަންއާ ގުޅޭ މައުލޫމާތު އައްޑޫ ސިޓީގައި މަސައްކަތްކުރާ ބިދޭސީންނަށް ރެޑްކްްސެންޓުގެ އައްޑޫ ހިތަދޫ ބުރާންޗުން ފޯރުކޮށްދީފި އެވެ.
ރެޑްކްްސެންޓުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހިތަދޫގައި ދިރިއުޅޭ 1000 އަށްވުރެ ގިނަ ބިދޭސީންނަށް H1N1 އާ ބެހޭގޮތުން އިއްޔެ މައުލޫމާތު ދީފައިވާ ކަމަށާއި އެ ޕްރޮގްރާމް ހިންގުމުގައި 18 ވޮލަންޓިއަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ރެޑް ކްރެސެންޓުގެ ފަރާތުން އައްޑޫގައި ހިންގި އެ ޕްރޮގުރާމުގެ ދަށުން އައްޑޫސިޓީ ހިތަދޫގެ މަގުތަކުގައި ހިނގައި، ދިމާވާ ބިދޭސީންނަށް، އެ ރޯގާ އަދި ވައިރަސް ޖެހޭ ގޮތާއި ފެތުރޭގޮތް އަދި ބަލިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންތައް ކިޔާދީފައިވެއެވެ.
އަދި އެކަން ކުރިއަށް ގެންދިއުމުގައި އެރަށުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮންޓުރޯލް ޕީ އަދި ވިލާ ކޮލެޖުގެ އެހީތެރިކަން ލިބުނު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ރެޑް ކްރެސެންޓުން ބުނީ، ފަސޭހައިން ގައިން ގަޔަށް އަރާ އެ ބައްޔާ ބެހޭގޮތުން، ބިދޭސީން ގެންގުޅޭ ދިވެހި ގިނަ ކުންފުނިތަކުން އެއްވެސް މައުލޫމާތެއް އެފަރާތްތަކަށް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރެވުނު ކަމަށެވެ.
އަދި ބައެއް މީހުންނަށް ބަލި ފެތުރެމުންދާ ކަންވެސް ނޭނގޭ ކަން ރެޑްކުރެސެންޓުން ފާހަގަކުރިއެވެ.
އިއްޔެ ރެޑް ކްރެސެންޓުން ހިންގި ޕްރޮގްރާމްގެ ދަށުން އައްޑޫގައި މަސައްކަތްކުރާ ބިދޭސީންގެ ގިނަ ބަޔަކު އެޗް1އެން1 އާ މެދު ހޭލުންތެރިވެފައިވާ ކަން ފާހަގަކޮށް ރެޑް ކްރެސެންޓުން ބުނީ، މައުލޫމާތު ފޯރުކޮށްދެވުނު ބިދޭސީންގެ ސަބަބުން އެހެން ބިދޭސީންނަށް ވެސް އެކަމާ ގުޅިގެން މައުލޫމާތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވީހާވެެސް ގިނަ ބޭފުޅުންނަށް މައުލޫމާތު ދިނުމަށް އަޅުގަނޑުމެން ވިސްނަމުން މިދަނީ،" އޮފިޝަލް ވިދާޅުވިއެވެ.