ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާގެ ސަބަބުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުން މިއަދުން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލްް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނިންމައިފި އެވެ.
ޑީޖޭއޭއިން ބުނީ އެގޮތަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެގޮތަށް އެދިވަޑައިގެންނެވުމާއި ގުޅިިގެން ކަމަށެެވެ.
އެޗްވަންއެންވަންގެ އެންމެ ނުރައްކާތެރި ހާލަތު މެދުވެރިވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ، ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދުން ފެށިގެން މަސައްކަތަށް ނުނިކުންނަ ގޮތަށް ނިންމާފައިވާއިރު، އެ ދުވަސްތަކަށް މުސާރައާއި އިނާޔަތް ލިބޭނެ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.
ޑީޖޭއޭއިން މާބަނޑު މީހުން މަސައްކަތަށް ނުކުންނަން ނުޖެހޭ ގޮތަށް ނިންމާފައިވާއިރު، ސިވިލް ސާވިސްގެ މުވައްޒަފުންނާއި، އެހެނިހެން ސަރުކާރު މުއައްސަސާ ތަކާއި، ބައެއް ކުންފުނިތަކުންވެސް ވަނީ ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް މާބަނޑު މީހުންނަށް ޗުއްޓީ ދީފަ އެވެ.