އަތޮޅުތަކުގައި އެޗްވަންއެންވަން އަށް ސާމްޕަލް ނެގޭނެގޮތް ހަދައިދޭނަން: އެޗްޕީއޭ

އޭޑީކޭގެ ފަރާތުން، ސޯސަންގޭގައި ގާއިމް ކޮއްފައިވާ ފުލޫ ކްލިނިކުގައި ބައެއް ބަލިމީޙުންނަށް ފަރުވާ ދެނީ --- ފޮޓޯ/ ފަޔާޒު މޫސާ

ބައެއް އަތޮޅުތަކުގައި އެޗްވަންއެންވަންއަށް ޓެސްޓް ކުރަން ސާމްޕަލް ނަގަން ޖެހިއްޖެ ފަރާތެއްގެ ސާމްޕަލް ނެގޭނެގޮތް ހަމަޖައްސައިދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ރާއްޖޭގައި ހަލުއި ކަމާއެކު ހުމުގެ ރޯގާ ފެތުރެމުން ދާއިރު، ބައެއް އަތޮޅުތަކުގައި ސާމްޕަލް ނެގެން ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އެބޭފުޅުން ވިދާޅުވަނީ " ސާމްޕަލް ނެގޭނެގޮތެއް ނެތް" ކަމަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރު "ސަން"އަށް ވިދާޅުވީ ސާމްޕަލް ނަގަން ޖެހިއްޖެ ނަމަ ނެގޭނެ ގޮތް އެޗްޕީއޭއިން ހަމަޖައްސައިދޭނެ ކަމަށެވެ.

ހުރިހާ އަތޮޅެއްގައި ސާމްޕަލް ނެގެން ހުރޭތޯ ސުވާލު ކުރުމުން "އެ ހުރިހާ މައުލޫމާތެއް މީޑިއާއާ ހިއްސާ ނުކުރަން،" ކަމަށް މައިމޫނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 82 މީހަކު ވަނީ ސްވައިން ފުލޫއަށް ޕޮސިޓިވްވެފައެވެ. އެ އަދަދަކީ ސްވައިން ފުލޫއަށް ޝައްކު ކުރެވިގެން އިއްޔެގެ ނިޔަލަށް ޓެސްޓު ކުރި 279 މީހުންގެ ތެރެއިން ޕޮޒިޓިވްވި އަަދަދެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ހުމާއި ރޯގާ ޖެހިގެން 2314 މީހުން ވަނީ ރާއްޖޭގައި ފަރުވާ ހޯދާފައެވެ. އެންމެ ބޮޑަށް ހުމާއި ރޯގާ ފެތުރޭ އަތޮޅަކީ ރ. އަތޮޅު ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެ އަތޮޅުން 157 މީހަކު ވަނީ ހުމާއި ރޯގާއަށް ފަރުވާ ހޯދާފައެވެ.

އިއްޔެ ފަރުވާއަށް އެދުނު މީހުންގެ އަދަދު:

  • މާލެއިން: 898
  • އަތޮޅު ތެރެއިން: 1416

އިއްޔެ އެޑްމިޓް ކުރި އަދަދު:

  • މާލެއިން: 4
  • އަތޮޅު ތެރެއިން: 27

އެޗްވަން އެންވަންއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.

އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިރު، އެ ބައްޔަށް ފަރުވާ ދިނުމަށް މާލޭގެ ދެ ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗު އަދި އޭޑީކޭ ހޮސްޕިޓަލުން ވަނީ ޚާއްސަ ފްލޫ ކްލިނިކުތަކެއް ހަދައި، ޚިދުމަތް ދޭން ފަށައިފައެވެ.

comment ކޮމެންޓް