ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުން ޖެހުނު ބ. އޭދަފުށީ މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
އޭދަފުށީ ހޮސްޕިޓަލުގައި މީގެ ތިން ދުވަސް ކުރިން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އޭދަފުށީ، ލިލީޕާކު، ފާތިމަތު ނަޖުމާ މޫސާ، 59، އަހަރެވެ.
އޭދަފުށީ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ވަހީދު މިއަދު ވިދާޅުވީ، ނިޔާވި މީހާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި ދޭތެރެ ދޭތެރެއިން ނޭވާލުމުގެ މައްސަލަ ދިމާވެގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށެވެ.
އަދި ހުން އައިސްގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް، މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އަށް އޭނާ ޕޮޒިޓިވްވި ކަމެއް ނޭނގެ އެވެ. އޭދަފުށި ހޮސްޕިޓަލުން އެ ބައްޔަށް ޓެސްޓު ހެދޭކަށް ވެސް ނުހުރެ އެވެ.
"އޭނާ ގެނައި ދުވަހު ހުން ހުރީ މަތީގައި. ނަމަވެސް އޭގެ ފަހުން ދެ ދުވަސް ފަހުން ވެސް ހުމެއް ނެތް. ޑޮކްޓަރުން ވިދާޅުވަނީ އޭނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށް،" އަހުމަދު ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ހަލުވިކޮށް ވައިރަލް ހުން ފެތުރެމުން އަންނަ ކަމަށާއި ދުވާލަކު 15 އާއި 20 މީހުންނާ ދެމެދުގެ އަދަދަކަށް ހޮސްޕިޓަލަށް ދައްކަން އަންނަ ކަމަށެވެ. އަދި އެ ރަށުން އެޗުވަންއެންވަންގެ ސާމްޕަލް ނެގޭ ކަމަށާއި ނަމަވެސް ޓެސްޓް ހެދެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓެސްޓް ހަދަން ފޮނުވަން ޖެހެނީ މާލެ އަށް ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް ސާމްޕަލްއެއް މާލެ ނުފުނުވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން ސުވައިން ފުލޫ އަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެ ގޮތުން އިއްޔެގެ ނިޔަލަށް 279 މީހަކު ވަނީ ސުވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 މީހަކު ވަނީ ސުވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ.