އޭޑީކޭގައި ފުލޫ ކުލިނިކެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި

އޭޑީކޭ ހޮސްޕިޓަލުގައި ހުޅުވި ފުލޫ ކުލިނިކުން ހިދުމަތް ދެނީ --- ފޮޓޯ/ އޭޑީކޭ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަލް ރޯގާ އާއެކު އެޗްވަންއެންވަން ނުވަތަ ސުވައިން ފުލޫގެ މައްސަލަތައް އިތުރުވަމުންދާތީ އޭޑީކޭ ހޮސްޕިޓަލުގައި ވެސް ފުލޫ ކުލިނިކެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން މިއަދު ބުނީ، އެ ހޮސްޕިޓަލްގެ ފުލޫ ކުނިކުން ފަރުވާ ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށެވެ. އަދި ފުލޫ ކުލިނިކަށް ދައްކަން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ، އޭޑީކޭގައި ހުޅުވި ފުލޫ ކުލިނިކުން ވެސް ބަލި މީހުން ބެލުމަށްފަހު ވަކި ކެޓަގަރީއަކަށް ފެތޭ ބަލި މީހުންގެ ހަދަންޖެހޭ ޓެސްޓުތައް ހަދަމުން ގެންދެވޭނެ ކަމަށެވެ.

ހުމާއި ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ ފުލޫ ކުލިނިކް ފުރަތަމަ ހުޅުވީ އައިޖީއެމްއެޗްގައެވެ. ނަމަވެސް އެތަނަށް މީހުން ގިނަވެ ބާރު ބޮޑުވުމުގެ ސަބަބުން ތާޖުއްދީން ސްކޫލުގައި ވެސް ފުލޫ ކުލިނިކެއް ހަދައި ހިދުމަތް ދޭން ވަނީ ފަށާފައެވެ.

އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ފުލޫ ކުލިނިކެއް މިހާރު ވަނީ ހުޅުވާފައެވެ.

ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާގެ މައްސަލަ ބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު އެޗްވަންއެންވަންގެ ވައިރަސް އަށް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން މިހާތަނަށް އެ ވައިރަސް އަށް އިއްޔެގެ ނިޔަލަށް 251 މީހަކު ޓެސްޓުކުރިއިރު 51 މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަދި އެޗްވަންއެންވަން އަށް ޕޮޒިޓިވްވި އެކަކު މަރުވެފައިވާއިރު، މާބަނޑު އަންހެނަކަށް ވައިރަސްގެ އަސަރުކޮށް ހާލު ދެރަވުމާ ގުޅިގެން ދަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް