ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ޗާޕްކޮށްގެން ރާއްޖެ ގެނައި މުސްހަފްތައް ބަހަން ފަށައިފި އެވެ.
މުސްހަފްތައް ފުރަތަމަ ބަހަން ފަށާފައި ވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ 17 ކުންފުންޏެއްގެ މުވައްޒަފުންނަށެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްހަފްތައް ބަހަން މިއަދު ފެށި ނަމަވެސް އެ މަޝްރޫއު އިފްތިތާހް ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވި އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފަސް މުސްހަފް ހަދިޔާ ކޮށްފައި ވަނީ ޤުރުއާން ހިތުދަސްކުރާ ފަސް ކުއްޖަކަށެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުންނާއި ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުސްހަފް މާލްދީފް މަޝްރޫއު ހަގީގަތަކަށް ގެންދިއުމަށް ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ހިއްސާ އޮތްކަމަށެވެ.
އަދި ވިދާޅުވީ، މުސްހަފް މަޝްރޫއުގެ ދަށުން މިހާތަނަށް އެއްލައްކަ މުސްހަފް ޗާޕް ކޮށްގެން ރާއްޖެ ގެނެވިފައިވާއިރު، މުސްހަފްތައް ޗާޕް ކުރުމުގެ ދެވަނަ ބުރު ކައިރި މުސްތަގްބަލެއްގައި ފެށިގެންދާނެ ކަމަށެވެ.
"މުސްހަފް މާލްދީފް" ނުވަތަ "ކޮންމެ ދިވެހި ރައްޔިތަކަށް މުޞްހަފެއް"ގެ ނަމުގައި ދިވެހި ކޮންމެ ރައްޔިތަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން މަޝްރޫއެއް ފެށީ، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން، މީގެ ދެ އަހަރު ކުރިންނެވެ.
އެ މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖެ ގެނައި އެއް ލައްކަ މުސްހަފްތައް ބަހަން ހަމަޖެހިފައި ވަނީ އުމުރުން 15 އަހަރާއި 40 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް މުސްހަފެއްގެ ގޮތުންނެވެ.
އެގޮތުން މިއަދު ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ އެ އުމުރު ފުރާގެ މުވައްޒަފުންނަށް މުސްހަފް ބަހަން ހަވާލުކުރިއިރު، މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އެ އުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުސޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި މުސްހަފްތައް ބަހާ ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓުން މައުލޫމާތުދެ އެވެ.