ނިޔާފުގެ އިރުޝާދު: ފެތުރެމުންދާ ރޯގާއިން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތް

ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަންއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނިޔާފު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އެނެއް ދުވަހަށް މި ދަނީ ގިނަވަމުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިލްތިމާސަކީ ވެސް މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމާއި އިންފުލުއެންޒާ ރޯގާއަށް ސަމާލުވުމެވެ.

އިންފުލުއެންޒާ ރޯގާ ކުޑަކުދިންނަށް ޖެހުމުން ދެން އަމަލު ކުރަންވީ ކިހިނެތް ކަން ގިނަ ބެލެނިވެރިންނަށް ނޭނގެ އެވެ. އެނގިފައި ހުއްޓަސް ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ދަރިފުޅަށް ބޭސްދޭން ބެލެނިވެރިން ބިރުގަނެ އެވެ. އެއީ ރަނގަޅު ގޮތެކެވެ. ބޭސް ދޭން ވާނީ ޑޮކްޓަރުގެ އިރުޝާދާ ލަފަޔާ އެއްކޮށެވެ. ކުޑަކުދިންނަށް އިންފުލުއެންޒާ ޖެހިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދެއް އޭޑީކޭ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވަނީ 'ސަން'އާ ހިއްސާ ކުރައްވާފައެވެ.

އެންމެ ފުރަތަމަ ދަރިފުޅު ހުން އައިސް ގައިގައި ނުވަތަ ބޮލުގައި ރިއްސާނަމަ ހަ ގަޑިން ހަ ގަޑިން ޕެރެސެޓެމޯލް އެއް ޑޯޒް ދިނުމަށް ޑރ ނިޔާފް އިލްތިމާސް ކުރެއްވި އެވެ. އޭގެ ފަހުން ހަ ގަޑި ހަމަވާއިރު ހުން ނާންނަމަ އިތުރަށް މަޑުކޮށްލައި ބެލުމަށްފަހު އަނެއްކާވެސް ހުން އައުމުން ޕެރެސެޓެމޯލް ދިނުން ރަނގަޅު ކަމަށް ނިޔާފު ވިދާޅުވި އެވެ.

ކުއްޖާގެ ނޭފަތް ބެދި ނޭވާޔަށް އުނދަގޫވާހެން ހީވާނަމަ ނޭފަތަށް ބޭސްތަކެއް ޖެހުމުގެ ބަދަލުގައި ހަމައެކަނި ލޮނެއް އެކުލެވޭ "ސެލައިން ޑްރޮޕްސް" ނޭފަތަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ކަން ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އޭގެ އިތުރުން އާވި އަރުވައިގެން ނޭފަތުގައި ހުންނަ ތަކެތި ބޭރު ކުރެވިދާނެ ކަމަށް ވެސް ޑރ ނިޔާފް ވިދާޅުވި އެވެ.

ދަރިފުޅު ގައިގައި ރިއްސާކަން ނުވަތަ ބޮލުގައި ރިއްސާކަން އުޅުން ހުންނަ ގޮތުން ދެނެގަނެވޭނެ ކަމަށް ނިޔާފް ވިދާޅުވި އެވެ. އެގޮތުން އުރާލީމަ ރޯ ކަމަށް ވާނަމަ އެއީ ގައިގައި ރިހުމުގެ އަލާމާތަކަށް ވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އެހެންޏާ ނުރޯ ވަރަށް މާ ގަދަޔަށް ރޮންޏާ ބޮލުގައި ރިހޭތީ ރުއިން އެކަށީގެންވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކާންދިނުމުގައި މިކަންކަމަށް ސަމާލުވޭ

އިންފުލުއެންޒާ ނުވަތަ ހުން އައިސް ބަލިވެއްޖެ ނަމަވެސް އާންމުކޮށްވެސް ކުޑަކުދިންނަށް ކާންދޭން އުނދަގޫވެ އެވެ. އެއީ އަނގައިގައި ނުބައި ރަހައެއް ލާތީ ކުދިން ނުކާން އުޅެނީ އެވެ.

ޑރ ނިޔާފް ވިދާޅުވީ މިހާރު އެންމެ އާންމު އިންފުލުއެންޒާ ރޯގާ ދަރިފުޅަށް ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ދޭން އިސްކަން ދިނުމަށެވެ. އެގޮތުން ގައިގައި ވަރުޖެހޭ ކަހަލަ ކުރުނބާ ފެން، ސޫޕް އަދި ލޮނު ޕެކެޓްފެން ދިނުން ރަނގަޅު ކަމަށް ނިޔާފް ވިދާޅުވި އެވެ. އޭރުން އެ ބަލީގެ ސަބަބުން ކުއްޖާ ވަރުބަލިވާ ވަރުބަލިވުމަށް ލުއެއް ލިބިގެންދާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

"އޭގެ އިތުރުން ފުރުޓް ޖޫސް ކަހަލަ، ހަށިގަނޑުގަ ބާރުޖެހޭ ތަކެތި ކުއްޖާއަށް ދޭން އިސްކަންދޭންވީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ނަމަވެސް އެއްވެސް ގޮތަކަށް ކުއްޖާ ނުކާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ޑރ. ނިޔާފު އިލްތިމާސް ކުރެއްވި އެވެ. އެއީ ދަރިފުޅު ގައިން މާ ބޮޑަށް ވަރުދެރަވެދާނެތީ އެވެ.

އޭގެ އިތުރުން ނޭވާލާން މާ ބޮޑަށް ކުއްޖާއަށް އުނދަގޫތަކެއް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ނިޔާފް ވަނީ ނަސޭހަތްތެރިވެފައެވެ. އޭރުން ފުއްޕާމޭން އިތުރު އަޑެއް އިވޭތޯ ޑޮކްޓަރުން ދެނެގަންނާނެ ކަމަށާއި އަދި އަދި ފުއްޕާ މެއަށް ވައިވަނުމުގައި މައްސަލަތަކެއް އުޅޭތޯ ދެނެގަނެ ފުއްޕާމޭ ސާފުތޯ ޑޮކްޓަރުން ޗެކްކުރާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

އާންމު ރޯގާއާ އިންފުލުއެންޒާގެ ތަފާތަކީ ކޮބާ؟

އާންމުކޮށް މިޖެހޭ ރޯގާގައި ނޭފަތުން ފެން އައިސް ރޯގާ ޖެހުނު ނަމަވެސް އިންފުލުއެންޒާ ރޯގާ ތަފާތު ކަމަށް ޑރ ނިޔާފް ވިދާޅުވި އެވެ. އެގޮތުން އަރިދަފުސް މޭގަ ހިފުމާއި ހުންއައުމާއި ހީކެރުވުން، ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުން ހިމެނެ އެވެ.

އޭގެ އިތުރުން ކެއްސުމާއި ނޭފަތް ބެދުން ފަދަ އަލާމާތްތަކެއް ފެންނާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

އެފަދަ އަލާމާތްތައް ފެންނަ ނަމަ ވަކި ޑޮކްޓަރަކަށް ދައްކަން މަޑު ނުކުރުމަށް ނިޔާފް ވަނީ ނަސޭހަތްތެރިވެފައެވެ. "ކޮންމެ ޑޮކްޓަރަކީވެސް ހަމަ ވަރަށް މޮޅު ޑޮކްޓަރެއް،" ކަމަށާއި އެހެންވީމަ ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ނުލިބިގެން ޑޮކްޓަރަށް ނުދައްކާ ހުރުން ރަނގަޅު ނޫން ކަމަށް ނިޔާފް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް