މިހާތަނަށް 27 މީހެއްގެ ގައިން އެޗްވަންއެންވަން ފެނިފައިވޭ: އެޗްޕީއޭ

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބޭއްވި ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭން މިއަހަރުގެ މިހާތަނަށް 27 މީހެއްގެ ގައިން އެޗްވަންއެންވަން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، 2017 ވަނަ އަހަރުގެ މިހާތަނަށް 208 މީހަކު ޓެސްޓުކޮށްފައި ވާއިރު އޭގެ ތޭރޭން 27 މީހަކު، އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން 2015 އާއި 2016 ވަނަ އަހަރު 475 މީހަކު ޓެސްޓުކުރެވުނު އިރު، އޭގެ ތެރޭން އެޗްވަންއެންވަންއަށް ޕޮޒިޓިވް ވެފައި ވަނީ 16 މީހުން ކަމަށްވެސް އެ އޭޖެންސީން މައުލޫމާތު ދެއެވެ.

އެޗްވަންއެންވަން ފެނިގެން މިއަހަރުގެ މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ދިވެހީންގެ އިތުރުން ބިދޭސީންވެސް ހިމެނޭކަމަށާއި، އެމީހުންގެ ތެރެއިން ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ކުރީ އަހަރުތަކަށްވުރެ މިއަހަރުގެ ރޭޓް މަތިވެފައިވާ ކަމަށެވެ.

"ކުރީ އަހަރުތަކަށްވުރެ މިއަހަރު ރޭޓް ގިނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. ޓެސްޓު ކުރެވުނު އެހެން މީހުން ގައިގަ ފްލޫ ނެތެކޭ ނޫން މިދެންނެވީ،" ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ބައްޔަކީ މުޅިން އާ ބައްޔެއް ނޫން ކަމަށާއި ގިނަ މީހުން އާދައިގެ ފަރުވާއިންވެސް ރަނގަޅުވާ ކަމަށެވެ.

"ރާއްޖެއިން މިފެންނަނީ މުޅިން އާ ބާވަތެއްގެ ބައްޔެއް ނޫން. ރާއްޖެއިން މިފެންނަނީ ފެތުރެމުންދާ ބައްޔަކަށް ވިޔަސް ފެތުރެމުންދާ ދިއުމުގައި ނުރައްކާތެރި މަރުހަލާގައި ތިބި މީހުންނެއް ނޫން ގިނައީ. އާއްމުކޮށް ފެތުރިގެން ދާއިރުވެސް ގިނަ މީހުންނަށް އާދައިގެ ފަރުވާއަކުންވެސް ރަނގަޅު ކުރެވޭ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

comment ކޮމެންޓް