އަމްޖޭގެ "ގިލަން"ގެ ދިގު އިންތިޒާރަށް މިއަހަރު ނިމުމެއް އަންނާނެ

"ގިލަން" ގެ ޕޯސްޓަރެއް---

ކުޅަދާނަ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ 50 ވަނަ ޑައިރެކްޝަން "ގިލަން" ނުފެނިގެން ބެލުންތެރީން މާޔޫސް ވެފައިވަނިކޮށް މިއަހަރު ފިލްމު ފެންނާނެ ކަަމުގެ ޔަގީންކަން އަނެއްކާވެސް އަމްޖޭ ދީފިއެވެ.

'ސަން' އަށް ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނީ، ފިލްމު އަވަހަށް ރިލީޒް ކުރަން އޭނާގެ އިތުރުން ފިލްމުގައި ހިމެނޭ އެހެން ތަރިންވެސް ބޭނުންވާ ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކެއްގެ އެއްބަރުލުމާ އެކު ފިލްމު މިއަހަރު ރިލީޒްވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު ޔޫއްޕެ ވެސް އަދި ފިލްމުގައި އުޅޭ އެހެން ތަރިންގެ ފަރާތުންވެސް ވަރަށް އެއްބާރުލުންދޭ. އެމީހުން ގުޅާފަ ބުނޭ ފިލްމު އަވަހަށް ރިލީޒު ކުރަން އުޅޭށޭ. އެހެންވެ ޔަގީންކަން އެބަ އޮތް މިއަހަރު އަނެއްކާވެސް ފިލްމު ފެންނާނެ ކަމުގެ،" އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނީ، ފިލްމު ބެލުންތެރިންނާ ހަމައަށް ނައިސް ލަސްވަނީ، ފިލްމު އުފައްދަން ދީލަތި ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ނަމަވެސް އެއީ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ "ބޮޑު ފިލްމަކަށް" ވާތީ ކަމަށެވެ. އަދި އޭނާ އަކީ މީގެކުރިން ހަމައެކަނި ފިލްމު ޑައިރެކްޓުކުރާ މީހެއް ކަމުގައި ވިޔަސް މިފަހަރު ޑައިރެކްޓު ކުރުމުގެ އިތުރުން ޕްރޮޑިއުސް ކުރުމުގެ ޒިންމާ އަދާކުރަންޖެހުމަކީ ވެސް ފިލްމު ލަސްވާން ދިމާވި ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމު ރިލީޒް ކުރަން ފާއިތުވި ދެ އަހަރުގައިވެސް މަަސައްކަތް ތަކެއް ވަނީ ކޮށްފައެވެ.

ފިލްމު "ގިލަން" އާ ބެހޭގޮތުން އަމްޖޭ 'ސަން' އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

"އަޅުގަނޑު މަަސައްކަތް ކުރިން މިނިވަން 50 އާ ދިމާކޮށް އަޅުގަނޑުގެ 50 ވަނަ ފިލްމު ރިލީޒް ކުރަން. އޭރުގެ ހޯމް މިނިސްޓަރު ގާތުވެސް އަޅުގަނޑު އެދުނިން. އެކަމަކު ކަންތައް ވީ ގޮތުން ނޭޅުވުނީ،" އަމްޖޭ ބުންޏެވެ.

"ހުރަސް" ފިލްމުން ޑައިރެކްޓަރުގެ ދަތުރު ފެށި އަމްޖޭ ބުނީ، ފާއިތުވި އަހަރު ފިލްމު ރިލީޒް ނުކުރެވުނީ، ޗެނަލެއް އުފައްދައިގެން އެ ޗެނަލްގެ ބެލުންތެރިންނަށް ކަމުދާނެ ފަދަގޮތަކަށް ގެނެސްދޭން އުޅުމުން ފިލްމުގެ މަސައްކަތާ ދުރަށް ދެވުމުން ކަމަށެވެ.

ހުޅުމާލޭގައި "ގިލަން" މަންޒަރުތައް ނަގާފައިވާއިރު ބާކީ އޮތީ ފިލްމުގެ ދެ ލަަވައެއް ޝޫޓް ކުރުމެވެ. އަމްޖޭ ބުނީ، މިމަހުގެ ތެރޭގައި ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ ކަމަށެވެ.

އާއިލާގެ ތެރޭގައި ހިނގާ ލޯބީގެ ބިރުވެރި ހާދިސާއެއްގެ މައްޗައް މުހައްމަދު ގާސިމްގެ ވާހަކައަކަށް ތައްޔާރު ކުރާ، "ގިލަން" އަޅުވާނެ ތާރީޚެއް ކަނޑަ އަޅާނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކަމަށް ވެސް އަމްޖޭ ބުންޏެވެ.

"އޮލިމްޕަސް ވެސް އަދި ނުހޯދަން. ފިލްމު އަޅުވާނެ ޑޭޓެއް ކަނޑައަޅާނީ ފިލްމުގެ ހުރިހާ މަަސައްކަތެއް ނިންމާފަ. ފިލްމު ޕޮލިސްކޮށް އަދި އެހެނިހެން މަަސައްކަތްވެސް ކޮށްފަ،" އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނ،ީ މިހާ ގިނަ ދުވަސްކޮށްފައި އޭނާގެ "ގިލަން" ރިލީޒްކުރި ކަމުގައި ވިޔަސް ބެލުންތެރިން އެ ފިލްމު ބަލައިގަންނާނެ ކަމާމެދު އޭނާހެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ފިލްމުގެ ލީޑު ރޯލުން ޔޫއްޕެ ފެނިގެންދާއިރު އަލީ އާޒިމް (ދޮން އައްޔަ) އާއި ފާތުމަތު އާޒިފާ (އަޒޫ) އަދި މަރިޔަމް ނޫރާ ގެ މޮޅު ހުނަރު ފެންނާނެއެވެ. "ގިލަން" އަކީ މީގެ ކުރިން ލަވަތަކުން ފެނިފައިވާ ނޫރާގެ ފުރަތަމަ ފީޗާ ފިލްމެވެ.

comment ކޮމެންޓް