ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ދަރިފުޅު ރައީސް އޮފީހުގައި އަދާކުރަމުން ދިޔަ ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.
ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކު އޭނާގެ ދަރިފުޅު ސަރުކާރުގެ ވަޒީފާ އިން ވަކިކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަހީދުގެ އަންހެން ދަރިފުޅު ރައީސް އޮފީހުގައި އަދާކުރަމުންދިޔައީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވްއެއްގެ ވަޒީފާ އެވެ. އަދި އެ މަގާމުގައި ހުންނަތާ މިހާރު ގާތްގަނޑަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ސިޔާސީ މަގާމުތަކަށް މީހުން ވައްދައި ވަކިކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިގެންވާ ބާރެކެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އަށް ގުޅުއްވުމުން ވިދާޅުވީ، އެފަދަ މައުލޫމާތުތަކަކީ މީޑިއާއާ ހިއްސާ ކުރައްވާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވަހީދު ހުންނެވި ނަމަވެސް، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ފެކްޝަނާ އެކު މަސައްކަތްކުރައްވާ އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ސިޔާސަތުތާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.