ވިޝްކާ: ގައްދާރެއްގެ މައްޗަށް ކާމިޔާބު ހޯދި އަންހެނާ!

"ވިޝްކާ"ގެ މަންޒަރެއް: ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވޭ.

ޔާރާ ޕްރޮޑަކްޝަންގެ ފިލްމެއް ބަލާލަން ނުލިބި، މާ ބޮޑަށް ވެސް ލަސްވެއްޖެ ކަަމަށް ބެލުންތެރިން ބުނަމުން ދަނިކޮށް، އާއިޝަތު ރިޝްމީ ވަނީ އޭނާ ޕްރޮޑިއުސްކޮށް "ވިޝްކާ" ގެ ނަމުގައި ފިލްމެއް ވުޖޫދުކޮށްފަ އެވެ. ރަވީ ފާރޫގެ ޑައިރެކްޓް ކޮށްފައިވާ "ވީޝްކާ" އިއްޔެ ވަނީ ކުލަގަދަ ހަފްލާ އަކާ އެކު ރިލީޒް ކޮށްފައެވެ. ގިނަ ދުވަސްތަކެއް އިންތިޒާރު ކޮށްލަން ޖެހުނަސް ފިލްމު ވަރަށް ފުރިހަަމައެވެ. ފިލްމުގައި އެކްޓް ކޮށްފައިވާ ތަރިން އޭގެ ސަބަބަކަށް ވެދާނެއެވެ.

ފިލްމުގެ ތަރިން:

އާއިޝަތު ރިޝްމީ، ރަވީ ފާރޫގް، އަހުމަދު ސައީދު، އަލީ މުފީދު، ނަދީފު، ވަހީދު އެވެ،

ފިލްމުގައި ވާގޮތަކީ...

އަބްދުﷲ ވިޝާމްގެ ވާހަަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްފައިވާ "ވިޝްކާ"އަކީ ރާއްޖޭގެ ކުށުގެ ވެށި ސިފަކޮށް ދޭ ފިލްމެކެވެ. އަނިޔާވެރި ގާތިލެއްގެ ގޮތުގައި ފިލްމުން ދައްކުވައިދޭ އިޝާންގެ ރޯލުން ފެނިގެންދަނީ ރަވީ އެވެ. އިޝާންގެ ބައިވެރިޔަކީ ފިލްމުގެ ބަތަލާ ވިޝްކާ (ރިޝްމީ) އެވެ.

'ވަކަރުގޭ' ކުޑަކުއްޖެއްގެ ގޮތަށް އުޅެބޮޑުވި އިޝާނާ ގާނޫނު އަރާ ހަމަކުރެވުނުތަނެއް ފިލްމަކުން ނުފެނެ އެވެ. ގާނޫނުގެ ދިގު އަތުން ހިފައި، އިންސާފުގެ މުގުރުން އޭނާއަށް ނިޔާ ކަނޑައެއް ނާޅަ އެވެ. އަމާންވެށި ގާއިމުކުރާ ފާރަވެރިންނަށް ހެއްކާއެކު އޭނާ އަތުލެވޭ ކަމަކަށްނުވެ އެވެ.

އިޝާންގެ ބާރުވެރިކަމުގެ މުގޫ ގުޅިފައި ވަނީ 'ބާރުވެރި' ފަރާތްތަކާއެވެ. ގައްދާރުންނާއި ހާއިނުންގެ އެކުވެރިޔަކީ އިޝާން އެވެ. އެކަމުން ހިތްވަރު ލިބި، އިޝާންގެ ތޫނު ހަންޖަރުން ލޭ ކޮށަމުން ދިޔައީ ހިތުހުރި ގޮތަކަށެވެ.

ކުށުގެ ވެށީގައި އަވަލައި، ބަނދެވިފައިވާ އިޝާން ދެކެ ވިޝްކާ އަސްލު ލޯބި ވެވި، ސައްލާގެ މޭޒަށް އިޝާން އަރުވަނީ ވިޝްކާ އެވެ. އިޝާންގެ ހަޔާތް ބަދަލުކޮށްލައި، އާ ސަފުހާއެއްގެ ހުޅުވައިދޭން މަސައްކަތް ކުރަނީ ވެސް ވިޝްކާ އެވެ.

އިޝާން ރަނގަޅު ކުރަން މަސައްކަތް ތަކެއް ކުރަމުން ދަނިކޮށް މި ފިލްމު ނިމިގެން ދަނީ ބެލުންތެރިން ހައިރާން ކުރުވަނިވި ގޮތަކަަށެވެ. ތަފާތު ގޮތަކަށް ނިންމުން ގެެނެސްފައިވާ މި ފިލްމު ބަލާލަން ސިނަމާ އަށް ވަދެ ތިބި އެންމެނަށް ވެސް ތިބީ ޝައުގުވެރިކަމާއެކު ފިލްމުގެ ތެެރެއަށް ރަނގަޅަށް ވެސް ވަދެވިފައެވެ.

ދިވެހި ފިލްމު "ވިޝްކާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާ ފެށުމުގެ ކުރިން އެ ފިލްމުގެ ލީޑްރޯލް ކުޅެފައިވާ ދެ ތަރިން ކަމުގައިވާ ރިޝްމީ އާއި ރަވީ ސެލްފީ ނަގަނީ ---- ފޮޓޯ: މުހައްމަދު ޝަރުހާން

"ވިޝްކާ" ރޯލު ކުޅުނު ރިޝްމީ ހާދަހާ މޮޅޭ!

ގިނަ ފިލްމު ތަކަކުން ބެލުންތެރިންގެ ހިތް ފަތަހަ ކޮށްފައިވާ ރިޝްމީ މި ފިލްމުގައި ކުޅެފައިވާ ރޯލު ހާދަހާ މޮޅެވެ. ފިލްމު ބަަލަން ގޮސް ތިބި މީހުން ހައިރާން ކޮށްލައިފިއެވެ. ކުޅަދާނަ އަންހެން ކުއްޖެއްގެ ރޯލުން ރިޝްމީ "ވިޝްކާ"ގައި ފެނިގެންދިޔަ އިރު އޭނާގެ އެކްޓިން އަށް ދެވެން އޮތީ ހަމަ ފުލް މާކުހެވެ.

ދެގަޑި 17 މިނެޓްގެ "ވިޝްކާ" އެޑިޓް ކޮށްފައިވާ ރަވީގެ މަސައްކަތް ވަރަށް ފުރިހަމައެވެ. ޑައިރެކްޓް އަދި އެކްޓްކުރުމާ އެކު ރަވީ ކޮށްފައިވާ އެޑިޓިންގެ މަަސައްކަތަށް ތައުރީފު ހައްގެވެ. ގިނަ ފިލްމުތަކެއްގެ ވެސް މިއުޒިކް ތައްޔާރު ކޮށްދީފައިވާ މުހައްމަދު އިކްރާމްގެ މަސައްކަތް ވެސް މި ފިލްމުން ވަނީ އެންމެ ފުރިހަމައަށް ދައްކާފަ އެވެ. "ވިޝްކާ"ގެ ކެމެރާ ކޮށްދީފައިވާ ޝާމިން ނިޒާމް މަަސައްކަަތަށް ތައުރީފު ކުރުން ހައްގު އިރު ތެރިންގެ މޭކަޕް ކޮށްދީފައިވާ ހުސައިން އަނީސް ގެ ބުރަ މަސައްކަތް ވެސް ވަރަށް ޗާލެވެ.

ދިވެހި ފިލްމު "ވިޝްކާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގެ ޝަރަފްވެރި މެހުމާން ފާތިމަތު ނަހުލާއާ އެކު ފިލްމުގެ ލީޑްރޯލް ކުޅޭ ދެތަރިން ކަމުގައިވާ ރިޝްމީ ރަމީޒު އާއި ރަވީ ފޮޓޯ އަކަށް ހުއްޓިގެން ---- ފޮޓޯ: މުހައްމަދު ޝަރުހާން

ފިލްމު ފެށުނީއްސުރެ ނިމެން ދެންވެސް ޝައުގުވެރިކާއެކު ފިލްމު ބަލާލަން ތިބި ބެލުންތެރިން ވެސް ބުނަނީ މިއީ މޮޅުު އަދި ކޮންމެ މީހަކުވެސް ބަލާލަން ޖެހޭނެ ވަރުގެ ފިލްމެއް ކަމަށެވެ. އެ މީހުން ބުނަނީ، "ވިޝްކާ"އިން ރިޝްމީ އާއި ރަވީ އަދި ސައީދު މޮޅު އެކްޓިން ދައްކައި އަންތަރީސްކޮށްލައިފި ކަަމަށެވެ.

"ވިޝްކާ" އަކީ މުޖުތަމުގައި ހިނގާ ނުރައްކާތެރި ކަންތައް ތަކެއް ދައްކައިދޭ ފިލްމަަކަށް ވުމުން މި ފިލްމު ބަލާލަން ނުބަލައި ދޯކޮށްލެވޭކަށް ނެތެވެ.

comment ކޮމެންޓް