އެމްޔޫއޯއިން މާޗު 24 ވަނަ ދުވަހު މާލޭގައި ބޮޑު އިހުތިޖާޖެއް ކުރަނީ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރޭން -- ޓްވިޓަރ ފޮޓޯ

އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިއްތިހާދުގެ ޑެޕިއުޓީ ލީޑަރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށް ގޮތް ނޭނގޭ ގޮތަށް ވިއްކަމުންދާތީ، އެކަމާ އެމްޔޫއޯއާއި ގުޅިފައިވާ ޕާޓީތަކުން ކަންބޮޑުވާ ކަމަށެވެ.

ޝިފާ ވިދާޅުވީ މިދިޔަ ދެ ހަފްތާ ތެރޭގައި އެމްޔޫއޯއިން މަޝްވަރާތަކެއް ކޮށް، ނިންމާފައިވަނީ ފ. އަތޮޅު ނުވަތަ އެ އަތޮޅުން ބައެއް ވެސް ވިއްކުމާ ދެކޮޅަށް ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ.

ޝިފާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައޔްިތުންނާ އެކު މާލޭގައި، މާޗު 24 ވަނަ ދުވަހު ބޮޑު އިހުތިޖާޖެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު މި މަހުގެ ތެރޭގައި ރާއްޖެ ވަޑަިއގަތުމަށް ނިންމަވާފައިވާ އިރު، އެމަނިކުފާނުގެ ދަތުރާ ގުޅިގެން، ބޭރު ގައުމުތަކުގެ އިއްޒަތްތެރީންނާ ވެރީންގެ އަބުރާއި ކަރަމާތް ގެއްލޭފަދަ އަމަލުތައް ހިންގަން ރާވާ ނަމަ އެކަންކަން ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިއްޔެ ވަނީ އިދިކޮޅު އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ފ. އަތޮޅުގެ މަޝްރޫއާ ދެކޮޅަށް ހަދާފައިވާ ބެނާތަކާއި، ބެނާ ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ފޮތި ރޯލުތަކެއް ގެންގޮސްފައެވެ.

ިފ. އަތޮޅުގެ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުމަކީ އެ މަޝްރޫޢުގެ ތަފްސީލުތައް ސަރުކާރުން ހާމަނުކުރުމެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއުގެ ތަފްސީލުތައް، ހުރިހާ ކަމެއް ހަމަޖެހުމުން ހާމަކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް