ކާމިޔާބު ޝޯ ތަކެއް ދެއްކުމަށްފަހު "އަމާނާތް" އަތޮޅުތެރެއަށް

ފިލްމު "އަމާނާތް" ގެ ޕޯސްޓަރެއް ---

ނަވާރަ އަހަރަށް ފަހު، މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ ކާމިޔާބު ފިލްމު "އަމާނާތް"ގެ ހައުސްފުލް ހަތް ޝޯ މާލޭގައި ދެއްކުމަށް ފަހު އެ ފިލްމު އަތޮޅުތެރޭގައި އަޅުވަން ނިންމައިފިއެވެ.

އަތޮޅު ތަކުގައި ފިލްމު އެޅުވުމުގެ ކަންކަމާ ހަވާލުވެހުރި، ފިލްމީ ތަރި އަހުމަދު ސައީދު ބުނީ އަންނަ ހަފްތާ ބަންދުގައި ވެސް ތިން ރަށެއްގައި ފިލްމު އެޅުވުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ށ. މިލަންދުއާއި ހދ. ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅު ނޮޅިވަރަމްފަރުގައި ވެސް ފިލްމު އަޅުވާނެ ކަމަށެވެ. އަދި އަތޮޅު ތެރޭގައިވެސް މި ފިލްމަށް ބޮޑު ތަރުހީބެއް އޮތްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަންނަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ގަ ފިލްމު އަޅުވަން މި ނިންމީ. އަދިވެސް އެބަ އޮތް ވަރަށް ގިނަ ރަށްރަށުގަ މި ފިލްމު ދެއްކުން. ވަރަށް ތަރުހީބު ބޮޑު،" ސައީދު ބުންޏެވެ.

ޖަމްޝީދާ ---

ރަށްރަށުން "އަމާނާތް" އަޅުވަން ބޭނުންވެގެން ވަރަށް ގިނައިން ގުޅާ ކަމަށާއި ވަގުތު ވީވަރަކުން އިތުރު ރަށްރަށަށް ގޮސް ފިލްމު އަޅުވާނެ ކަމަށް ކުޅަދާނަ އެކްޓަރު ސައީދު ބުންޏެވެ.

މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ "އަމާނާތް"ގެ ހައުސްފުލް ފަސް ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު ފިލްމު ބަލާލަން ބޭނުންވާ ގިނަ ބައެއް ތިބުމުން އިތުރު ދެ ޝޯ ވަނީ ޝްވެކް ސިނަމާގައިވެސް ދައްކާފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޓެޑްރީ ބުނީ، ފިލްމުގެ އިތުރު ޝޯ ތަކެއް ދައްކަމުންދަނީ ބެލުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ. ޓެޑް ބުނީ، 19 އަހަރަށް ފަހުވެސް "އަމާނާތް" ބާ ނުވާ ކަމަށެވެ.

"އަމާނާތް" ގެ ލަވައެއް---

އޭގެ އިތުރުން އެ ފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބެނީ ފިލްމަށް ކުރެވިފައިވާ މަސައްކަތް ރަނގަޅު ވުމުން ކަމަށާއި "އަމާނާތް" ގެ ތަޖުރިބާ އޭނާގެ ކުރިޔަށް އޮތް ފިލްމު "ލަސްވިޔަސް" އަށް ވެސް ބޭނުން ކުރާނެ ކަމަށް ޓެޑް ބުންޏެވެ.

އަލީ ހާލިދު ---

ދެހާސް ހަތްވަނަ އަހަރު ބޭއްވި ފިލްމު ފެއާ އެވޯޑުގައިވެސް 12 އެވޯޑު ލިބިފައިވާ "އަމާނާތް" ގެ ލީޑުރޯލު ކުޅުނީ، "ދެރިޔާ"ގެ ލީޑު ރޯލު ކުޅުނު ކުރީގެ މަޝްހޫރު ތަރިން ކަަމަށްވާ އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދުގެ އިތުރުން ފާތިމަތު ރަމީޒާ އެވެ.

comment ކޮމެންޓް