ބެންގްކޮކްގައި ދިވެހި ކެއުން ލިބޭ ރެސްޓޯރަންޓެއް ހުޅުވައިފި

ބެންގްކޮކްގެ އޮލިވް15 ރެސްޓޯރަންޓްގައި ހުނިރޮއްޓާއި ރިހާކުރު ތައްޔާރުކޮށްފައި ---

ގިނަ އަދަދެއްގެ ދިވެހީން ވިޔަފާރިއާއި އެހެނިހެން ބޭނުންތަކުގައިވެސް ދަތުރުކުރަމުންދާ ތައިލެންޑްގެ ބެންގްކޮކްގައި ދިވެހި ރަހަތަކުގެ ކާނާ ލިބޭ ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.

ބެންގްކޮކްގައި ދިވެހީން އާންމުކޮށް ޒިޔާރަތްކޮށް އުޅޭ ޕްރަތޫނާމް ސަރަހައްދުގައި ހުންނަ މި ރެސްޓޯރަންޓަށް ކިޔަނީ "އޮލިވް15"އެވެ.

އޮލިވް15 ރެސްޓޯރަންޓް ހުންނަނީ ޕްރަތޫނާމްގެ ޕެޗަބުރީ ރޯޑު، ސޮއި 15ގައެވެ.

ބެންގްކޮކްގައި ދިވެހި ރަހަތަކާއެކު ހުޅުވި އޮލިވް15 ރެސްޓޯރަންޓްގައި ބަޔަކު---

އޮލިވް15 ރެސްޓޯރަންޓް ހުޅުވީ އޭޝިއާ ޝިޕިންގް އެންޑް އިންޓަނޭޝަނަލް ޓްރޭޑިންގް ކުންފުނިންނެވެ. އެއީ ދިވެހީންނަށް ޚިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ދިވެހި ކުންފުންޏެކެވެ.

މި ރެސްޓޯރަންޓުން ދިވެހި ރަހަތަކާއި ދިވެހި ހެދިކާގެ އިތުރުން، ތައި، އިޓާލިއަން އަދި ލެބަނީސް ފުޑް ލިބެން ހުންނާނެއެވެ.

އޭޝިއާ ޝިޕިންގް އެންޑް އިންޓަނޭޝަނލަ ޓްރޭޑިންގްއިން ބުނާ ގޮތުގައި، ބެންގްކޮކުން ދިވެހި ރަހަތައް ދިވެހީންނަށް ލިބޭނެގޮތް ހެދުމަށް ހުޅުވި މި ރެސްޓޯރަންޓުގައި މަސްހުންޏާއި ރޮށިން ފެށިގެން، މަސްބަތާއި ރިހާކުރު ފަދަ ކެއުންތައް ލިބޭނެއެވެ.

އެކުންފުނިން ބުނީ، އެ ރެސްޓޯރަންޓުގައި ކާބޯތަކެތި ތައްޔާރުކުރަނީ ދިވެހި ކަނބަލުންތަކެއްގެ އެހީތެރިކަމުގެ ދަށުން ޓްރެއިން ކޮށްފައިވާ ޝެފުން ކަމަށެވެ.

ބެންގްކޮކްގައި ދިވެހި ރަހަތަކާއެކު ހުޅުވި އޮލިވް15 ރެސްޓޯރަންޓް ---

ބެންގްކޮކްގައި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޕްރަތޫނާމްގައި ހުޅުވި، ދިވެހި ރަހަތައް ލިބޭ ރެސްޓޯރަންޓު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ދަންވަރު 1:00 އަށެވެ.

އޭޝިއާ ޝިޕިންގް އެންޑް އިންޓަނޭޝަނަލް ޓްރޭޑުން ބުނާ ގޮތުން، އެކުންފުނީގެ އަމާޒަކީ ދިވެހި ރަހަތަށް މުޅި ދުނިޔެއަށް ތައާރަފުކުރުމެވެ. އެގޮތުން ކުޅިކާޖާއާއި ގުޅަ ފަދަ ތަކެތި ޕެކެޓުކޮށް، އެތަކެތި ބޭރު މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެދޭކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް