ސްވިޑެންގެ ކުންފުންޏަކާ ގުޅިގެން ޓީޗަރުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރަނީ

ޓީޗަރުން އިނގިރޭސި ފެންވަރު މަތިކުރުމުގެ ތަމްރީނު ޕްރޮގުރާމް ފެށުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު މަތި ކުރަން އެޑިޔުކޭޝަން މިނިސްޓްރީއާއި ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިޔުކޭޝަން ކުންފުނި، އެޑިޔުކޭޝަން ފަސްޓް (އީއެފް) ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ފަށަން މިއަދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އަދި އީއެފްގެ ފަރާތުން ސޮއި ކުރެއްވީ އީއެފް ގަވަރމަންޓް ސޮލިއުޝަންގެ ރައީސް ކުލެޔަސް ސެޑާ އެވެެ.

ޓީޗަރުން އިނގިރޭސި ފެންވަރު މަތިކުރުމުގެ ތަމްރީނު ޕްރޮގުރާމް ފެށުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ފިޔަވައްސަކަށް ބަހާލައިގެން ތިން އަހަރަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ގައި 6000 ޓީޗަރުން ތަމްރީނު ކުރާނެ އެވެ. އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު މިމަސް ތެރޭގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ޓީޗަރުންގެ އިނގިރޭސި ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅުވެ، ޓިޗަރުންނާއި ދަރިވަރުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާ ވެގެން ދާނެ ކަމަށެވެ.

ޓީޗަރުން އިނގިރޭސި ފެންވަރު މަތިކުރުމުގެ ތަމްރީނު ޕްރޮގުރާމް ފެށުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިހާރުގެ ކުދިންނަކީ ޓީވީ އާ ޔޫޓިއުބް ބަލައިގެން އިނގިރޭސިން މޮޅަށް ވާކަހަ ދައްކާ ކުދިން. އެކުދިންގެ އެ ފެންވަރަށް ޓީޗަރުން ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އައިޝަތު ޝިހާމް ވިދާޅުވިދާޅުވި އެވެ.

އީއެފް އަކީ އެޑިޔުކޭޝަން ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބަހާއި ސަގާފަތާއި އެކަޑެމިކް ސުކޫލުތައް ހިންގަމުން އަންނަ ސްވިޑެންގެ ކުންފުންޏެކެވެ. އީއެފްގެ 500 އަށް ވުރެ ގިނަ ސުކޫލުތައް ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ގާއިމްކޮއްފައި ވެއެވެ.

އީއެފް ވުޖޫދަށް އައީ 1965 އަހަރެވެ.

comment ކޮމެންޓް