މެލޭޝިއާގައި ތިބި އުތުރު ކޮރެއާ މީހުން ވެސް ފުރުން މަނާކޮށްފި

މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީ ބަންދުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (މާޗް 7): އުތުރު ކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން ފުރުން މަނާ ކުރުމާ ގުޅުގެން މެލޭޝިއާގައި ތިބި އުތުރު ކޮރެއާގެ ރައްޔިތުން އެގައުމުން ފުރުން މަނާކޮށްފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން މެލޭޝިއާއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވަންދެން އުތުރު ކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުންނަށް އެގައުމު ދޫކޮށް ނުދެވޭނެ އެވެ.

އުތުރު ކޮރެއާ އިން އެއިއުލާން ކުރިތާ މާގިނަ އިރުތަކެއް މެލޭޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަހުމަދު ޒާހިދު ހަމީދީ ވަނީ މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ އޮފިޝަލުން މެލޭޝިއާ ދޫކޮށް ދިޔުން މަނާކޮށްފަ އެވެ.

އަދި އޭގެ ފަހުން ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ އުތުރު ކޮރެއާގެ އަމަލުތަކަކީ މެލޭޝިއާގެ ރައްޔިތުން ރަހީނު ކުރުން ފަދަ އަމަލެއް ކަމަށް ސިފަ ކުރައްވައި، މެލޭޝިއާގައި ތިބި އުތުރު ކޮރެއާގެ ރައްޔިތުންނަށް ވެސް އެގައުމު ދޫކޮށް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މެލޭޝިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާގައި އެގައުމުގެ 11 މީހަކު ތިބި އިރު މެލޭޝިއާގައި އުތުރު ކޮރެއާގެ ގާތްގަނޑަކަށް 1000 މީހުން އެބަތިއްބެވެ. އުތުރު ކޮރެއާގެ ރައްޔިތުން ވިސާއާ ނުލައި މެލޭޝިއާއަށް ވަދެވޭ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި މެލޭޝިއާ އިން ވަނީ އެގަވާއިދު ބަދަލުކޮށްފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާ އިން ކުރިއަށްގެންދާ ތަހުގީގުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.

އެގޮތުން އެތަހުގީގަށް އުތުރުު ކޮރެއާގެ ސަފީރު ކަންގް ޗޮލް ފާޑު ވިދާޅުވުމާ ގުޅިގެން މެލޭޝިއާއިން ވަނީ ސަފީރު ގައުމުން ބޭރުކޮށްލާފަ އެވެ. އަދި އުތުރު ކޮރެއާއިންވެސް ވަނީ އެގައުމުގައި ހުންނަވާ މެލޭޝިއާ ސަފީރު ގައުމުން ބޭރުކޮށްލާފަ އެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި އެމައްސަލައިގައި އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށާއި، ހަމަ އެގައުމަށް ނިސްބަތްވާ އިތުރު ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް