ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ލޯކަލް އިންޝުރެންސް ވަރަށް މުހިއްމު ކަމަށާއި އެދާއިރާއަށް ދިވެހި އިންޝުރެންސް ކުންފުނިތައް ފުޅާ ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޖެންގައި އިއްޔެ ބޭއްވި "ލައިބިލިޓީ އިންޝުރެންސް ސެމިނާ"ގައި އެ ސެމިނާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގައި ހުރި ގުދުރަތީ މުދަލުގެ މިންވަރާއި އަގު މާ ބޮޑު ކަމަށެވެ. އަދި އެ ދާއިރާއަށް ލޯކަލް އިންޝުރެންސް ކުންފުނިތައް ފުޅާ ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ ސިނާއަތް. ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ އަގު ހުރި ކޮލިޓީގެ ގުދުރަތީ މުދާ ހުރީ ރާއްޖޭގައި. އެހެންވީމަ މިދާއިރާގެ ތެރެއިން އަޅުގަނޑުމެންގެ އިންޝުރެންސް ސެކްޓާއިން ރާއްޖެއަށް އެބަ ޖެހޭ ފައިދާ ހޯދަ ދޭން. މި ދާއިރާއަށް ފުޅާ ވާން އެބަ ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮންމެ އަހަރަކު މަދުވެގެން ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އިންވެސްޓުމެންޓު އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ވެސް 10 އަށް ވުރެ ގިނަ ރިސޯޓު ރާއްޖޭގައި ހުޅުވަން ހަމަޖައްސާފައިވާ އިރު، އެ ދާއިރާއަށް އިންޝުރެންސް ކުންފުނިތަކުން ޕްރޮޑަކްޓުތަކެއް ނެރެން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ލޯކަލް އެއްވެސް އިންޝުރެންސް ކުންފުންޏަކުން މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ޕްރޮޑަކްޓެއް ތައާރަފްކޮށްފައި ނުވެ އެވެ. އެހެން ވުމުގެ ސަބަބުން ރާއްޖެއަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާ، ރާއްޖެ އިން ބޭރަށް ބީވެގެން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި އިންޝޫރެންސް ކުންފުނިތަކުން އެބަ ޖެހޭ މި މާކެޓަށް ނުކުމެ، މާކެޓު ކެޕްޗާ ކުރަން. މިއީ ކުރަން ކޮންމެހެން ޖެހޭ ކަމެއް. އޭރުން އަޅުގަނޑުމެން އުޅޭނީ މި މާކެޓުގައި އެންމެ ކުރީގައި. މީގެ ސަބަބުން އަޅުގަނޑުމެން ދިވެހިންނަށް ފައިދާ ވާނެ،" މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޅި މާލީ ދާއިރާގައި އިންޝުރެންސް ސެކްޓާ ވަރަށް ކުޑަ ކަމަށެވެ. އެގޮތުން މާލީ ދާއިރާގައި އިންޝުރެންސް ހިއްސާ ކުރަނީ ތިން ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ މިންވަރެއް ކަމަށާއި އެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ހޮޓެލް ޖެންގައި ބޭއްވި "ލައިބިލިޓީ އިންޝުރެންސް ސެމިނާ" އަކީ ދިވެހި އިންޝުރެންސް ކުންފުނީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ ސެމިނާ އެކެވެ. އެ ސެމިނާގައި އެކުންފުނިން ވަނީ ޚާއްސަ ދެ އިންޝުރެންސް ޕްރޮޑަކްޓެއް ތައާރަފްވެސް ކޮށްފަ އެވެ.