ކުއަލަލަމްޕޫރު (މާޗް 7): ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ޝާހީ އާއިލާގެ އިތުރު ބޭފުޅުން މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެބޭފުޅުންނަށް ހަމަލާއެއް ދޭން ރޭވި ހަތް މީހަކު މިދިޔަ މަހު ހައްޔަރު ކުރި ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.
ސައުދީ ރަސްގެފާނު އޭޝިއާއަށް ކުރައްވަމުން ގެންދަވާ މަސް ދުވަހުގެ ދަތުރުފުޅު މެލޭޝިއާ އިން ފެއްޓެވީ މިދިޔަ މަހުގެ 26ގަ އެވެ.
ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ހާލިދު އަބޫބަކުރު ވިދާޅުވި ގޮތުގައި އަރަބި ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅުންނަށް ހަމަލާ ދޭން ރޭވި ހަތް މީހުންގެ ތެރެއިން ދެ މީހަކު ރާވަމުން ދިޔައީ ކޮންމެވެސް ކަހަލަ އުޅަނދެއްގައި ގޮވާ އެއްޗެއް ހަރުކޮށްގެން ބޮޑު ހަމަލާއެއް ދޭށެވެ.
އިއްޔެ މެލޭޝިއާ އިން ބުނި ގޮތުގައި މިދިޔަ މަހުގެ 21 އާއި 26ހާ ދެމެދު އެގައުމުން ވަނީ އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި މެލޭޝިއާގެ ރައްޔިތަކާއި ބޭރު ގައުމުތަކަށް ނިސްބަތްވާ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އެގެ ތެރޭގައި އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހަކާއި، ޔަމަނަށް ނިސްބަތްވާ ހަތަރު މީހަކާއި، އިރުމަތީ އޭޝިއާއަށް ނިސްބަތްވާ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ހުރިކަމުގެ ތުހުމަތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި މެލޭޝިއާ އިން ވަނީ އެތައް ސަތޭކަ މީހުން ހައްޔަރުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެލޭޝިއާގެ އަވަށްޓެރި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް އައިއެސްއިން ހަމަލާތަކެއް ދިން ފަހުން މެލޭޝިއާވެސް ވަނީ ސަލާމަތީ ގޮތުން އެލާޓަށް އައިސްފަ އެވެ.
ސަލްމާން ރަސްގެފާނު މިހާރު ހުންނެވީ އިންޑޮނޭޝިއާގަ އެވެ. (ރޮއިޓާސް)