ވެކޭޝަންސް އެކްސްޕޯގައި ހައްޖު ކޯޕަރޭޝަނާއި ހޮލިޑޭ ކެރެލާއިން ބައިވެރިވަނީ

މިދިޔަ އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ވެކޭޝަންސް އެކްސްޕޯ"ގައި މިހާތަނަށް ހަތަރު ފަރާތަކުން ބައިވެރިވާން ނިންމައިފި އެވެ.

ވެކޭޝަންސް އެކްސްޕޯ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރު އޯގަސްޓު މަހުގަ އެވެ. އެއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓްރެވަލް ފެއާ އެވެ. މިއަހަރު އެ އެކްސްޕޯގެ ދެވަނަ އެޑިޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު އެވެ.

ހައިރައިޒްގެ އޮޕަރޭޝަންސް މެނޭޖަރު ނައްވާފް ރަޝީދު ވިދާޅުވީ މިހާތަނަށް އެ އެކްސްޕޯގައި ހަތަރު ކުންފުންޏަކުން ބައިވެރިވާން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ ކުންފުންޏެއް ވެސް ހިމެނެ އެވެ. އެއީ ހޮލިޑޭ ކެރެލާ އެވެ.

އެ އެކްސްޕޯގައި ބައިވެރިވާން ނިންމި އަނެއް ތިން ކުންފުންޏަކީ ވިނޯވާ ހޮޓެލް، މުސާފިރީން ހައްޖު އުމްރާ ގްރޫޕާއި އަދި ހައްޖު ކޯޕަރޭޝަނެވެ.

މިފަހަރުގެ އެކްސްޕޯގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ ކޯޕަރޭޝަނުގެ ހައްޖާއި އުމްރާގެ ޕެކޭޖުތަކުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މުސާފިރީން ހައްޖު ގްރޫޕުން ވަނީ ވިޒިޓް އެންޑް ވިން ޕްރޮމޯޝަނެއްވެސް ފެއާގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ހިލޭ އުމްރާ ދަތުރެއް ދޭން ވެސް އެ ގްރޫޕުން ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ އަހަރުގެ ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކުގަ އެވެ. އެ ޓްރެވަލް އެގްޒިބިޝަނުގައި ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ބޮޑެތި އެއާލައިނުތަކާއި ހޮޓެލްތަކުގެ އިތުރުން ޓްރެވަލް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް