ގައުމީ ރޫހުގެ މަޝްރޫއުން އެންމެންނަށް ފައިދާކުރާނެ: ޑިފެންސް މިނިސްޓަރު

މާޗް 6، 2017: ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ދީނީ އަދި ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއު "ތަރިކަ" ފެށިގެން ކުރިޔަށްދަނީ އެކަމުގެ މަގުޗާޓެއް ފުރިހަމައަށް އެކުލަވާލެވިގެން ކަމަށާއި، އެ މަޝްރޫއުގެ ހަރަކާތްތައް ހިންގޭނީ ގައުމުގެ އެންމެންގެ ހެވާއި ލާބައަށް މަންފާ ކުރާނެ ގޮތަކަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު އާލާކުރުމަށް "ތަރިކަ"ގެ ނަމުގައި މަޝްރޫއެއް އިފްތިތާހުކުރީ ރޭގަ އެވެ.

ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން "ތަރިކަ" މަޝްރޫއު ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، "ތަރިކަ" މަޝްރޫއުގެ ހަރަކާތްތައް ކުރިޔަށް ދަނީ ޚާއްސަ މަގުޗާޓެއްގެ އެކުލަވާލައިގެން، އޭގެ ދަށުން ކަމަށެވެ.

މާޗް 6، 2017: ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ގައުމުގެ ކަންކަން މިހާރު ކުރިޔަށް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ތަހުޒީބު ގައުމަކަށް ރާއްޖެ ވުމަށްޓަކައި އުމްރާނީ، އިގްތިސާދީ، ސިނާއީ އަދި އިޖުތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

"މިިދިޔަ 15 އަހަރު ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއި، ކުދިކުދިވެފައިވާ އިޖުތިމާއީ ފޭރާން އަލުން އާ ކުރައްވާކަމަށް ޓަކައި މަނިކުފާނަށް ފަޚުރުވެރިކަން،" ރައީސުލްޖުމްހޫރިއްޔާއަށް އިޝާރާތް ކުރައްވައި، ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދީނީ އަދި ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއުގެ ހަރަކާތްތައް ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިތުރުން ދިވެހި އަސްކަރިއްޔާ، ފުލުހުން، ސްކޫލުތައް، ޔުނިވާސިޓީތަކާއި ކޮލެޖުތައް އަދި ޕީއެސްއެމްގެ އިތުރުން ދިވެހި ޒުވާނުންނާ އެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދީނީ އަދި ގައުމީ ވަހުދަތާއި ރޫހު އާލާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އިސްލާމްދީނަށް ރައްޔިތުން ލޯބިކޮށް، އިހްތިރާމުކުރަން ޖެހޭ ކަމަށާއި، ދިވެހިބަސް ދިރުވާ އާލާކޮށް، ތުއްތު ކުދިންނަށް ދިވެހި ބަހަށް ލޯބިޖެއްސުމަށްޓަކައި ބޭރުގެ ބަސްބަހާއި ރާގުތަކަށް ވާހަކަ ދެއްކުމާ މެދު ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމީހެއްގެ އުފަން ރަށާ މެދު ލޯބި އުފެދެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާޗް 6، 2017: ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރަށް ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑު ވަރަށް ފަޚުރުވެރިކަން އަޅުގަނޑަކީ ފައިނު މީހަކަށް ވީތީ. ކުދި ރަށްރަށުންނާއި ބޮޑެތި ރަށްރަށުން ވެސް، ގައުމު ފަޚުރުވެރިވާ ފަދަ މީހުން އުފެދިގެން ގޮސްފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ކަންކަން ކުރިޔަށްދަނީ ރައީސް އުފައްދަވާފައިވާ ޚައްސަ ކޮމިޓީއެއްގެ ދަށުންނެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު، ޑިފެންސް މިނިސްޓަރު، އެޑިއުކޭޝަން މިނިސްޓަރު އަދި އިސްލާމިކް އެފެއާޒް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު، އަދި ޕީއެސްއެމްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރެވެ.

އެ ކޮމިޓީގެ މުގައްރިރަކީ ރައީސް އޮފީހުގެ ފަރާތުން ކޮމިޓީއަށް އައްޔަނުކުރައްވާފައި ހުންނަވާ، ގައުމީ އިނާމު ކޮމިޓީގެ މުގައްރިރު، ކުރީގެ ވަޒީރު އަބްދުއްރަޝީދު ހުސައިނެވެ.

comment ކޮމެންޓް