ޖަރުމަނު ވިލާތުގެ ބާލިންގައި ބާއްވާ އިންޓަނޭޝަން ޓޫރިޒަމް އެކްސްޗޭންޖް ފެއާ (އައިޓީބީ) މާދަމާ ފަށާނެ އެވެ.
އެ ފެއާގައި ދުނިޔޭގެ 187 ގައުމަކުން 10،000 އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވެ އެވެ. އަދި ފެއާ ބާއްވާ ސަރަހައްދުގެ ބޮޑު މިނުގައި 160.000 އަކަ މީޓަރު ހުންނަ އިރު ރާއްޖޭގެ 88 ކުންފުންޏަކުން ވަނީ އެފެއާގައި ބައިވެރިވާން ނިންމައިފަ އެވެ.
އެމްއެމްޕީއާރުސީ އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ކުންފުނިތަކުން އެ ފެއާގައި ބައިވެރިވާއިރު، އެފެއާ އަކީ ދުނިޔޭގެ ޓޫރިޒަމް މާކެޓު އެއްތަނަކަށް ގެނެސް އެ ދާއިރާގެ ވިޔަފާރީގެ ބޮޑެތި ޑީލުތަކެއް ނިންމާ ފެއާ އެކެވެ. މި ފެއާއަށް ކޮންމެ އަހަރަކު ވެސް 120،000 އަށް ވުރެ ގިނަ ވިޔަފާރި ވެރިން ޒިޔާރަތްކުރެ އެވެ. އަދި އެ ފެއާއަށް ޒިޔާރަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަދަދު ކޮންމެ އަހަރަކު ވެސް 60،000 އަށް ވުރެ ގިނަ އެވެ. މީގެ އިތުރުން ކޮންވެންޝަން ވިޒިޓަރުންގެ ގޮތުގައި ކޮންމެ އަހަރަކު ވެސް 26،000 މީހުން ޒިޔާރަތް ކުރެ އެވެ.
ޖަރުމަނު ވިލާތުގައި ކުރިއަށް ގެންދާ އެ ފެއާ މާދަމާ ފަށާ އިރު، ރާއްޖޭގެ ފަރާތުން އެ ފެއާގައި ބައިވެރިވާ ކުންފުނިތަކާ އެކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވެސް ޖަރުމަނަށް ވަޑައިގަންނަވާނެ އެވެ.
އައިޓީބީ ފެއާއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓްރެވެލް ޓްރޭޑު ޝޯތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޝޯ އެވެ.