ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ހައްޖުވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ ސައުދީ ރަސްގެފާނަކީ ދިވެހިން ދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެންމެ ފަހުން އެގައުމުގެ ވަލީ އަހުދުގެ މަގާމުގައި ހުންނެވި އިރު ވެސް އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ މިންވަރު އިތުރުކޮށް، އެމަނިކުފާނުގެ އަމިއްލަ ފުޅު ޚަރަދުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތް އެޅުމުގެ ޚާއްސަ 10 ޕްރޮޖެކްޓު ކުރިއަށް ގެންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އޭގެ ތެެރެއިން ބައެއް މަޝްރޫއުތައް ނިމިއްޖެ ވެސްމެ. އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ހަތް ޕްރޮޖެކްޓު އަދި މިނިސްޓްރީގެ ހަތް ޕްރޮޖެކްޓު އޮންނާނެ ފަށާފައި އޭރުގައި. އަޅުގަނޑު މިނިސްޓަރު ކަމުގައި ހުރި އިރު. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ރަސްމީ އިގްތިސާދީ އެހީތެރިކަމާއި އެކަންކަމުގެ އިތުރުން ޚާއްސަ ކަންތައްތަކެއް ރާއްޖެއާ ދޭތެރޭ ހުންނާނެ ކަމަށް އަޅުގަނޑު މިދެކެނީ،" ހައްޖު ކޯޓާ އިތުރު ކުރައްވާނެ ކަމުގެ އުއްމީދު އޮތްކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވި އެވެ.
ސައުދީ އިން ހައްޖު ކޯޓާ ދެމުން އަންނަނީ އެ ގައުމެއްގެ އާބާދީގެ ނިސްބަތުން ކޮންމެ ލައްކަ އަކަށް 100 ކޯޓާ އެވެ. އުސޫލެއްގެ ގޮތުން ރާއްޖެއަށް ލިބޭނެ ކޯޓާގެ އަސްލު އަދަދަކީ 300 އެވެ. ނަމަވެސް އެ ގައުމުގެ އޭރުގެ ރަސްގެފާނުގެ ޚާއްސަ އިނާޔަތުގެ ދަށުން ރާއްޖެއަށް ދޭ ކޯޓާގެ އަދަދު 1000 އަށް އިތުރު ކުރި އެވެ. އެއަށް ފަހު ސަލްމާން ރަސްގެފާނު ރަސްކަމަށް ވަޑައިގެން ރާއްޖެއަށް ދޭ ކޯޓާގެ އަދަދު ވަނީ 2000 އަށް ވުރެ ގިނަ ކޮށްފަ އެވެ.
"އެހެންވެ އަޅުގަނޑަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ސަލްމާން އެމަކަށް ވަރަށް ބޮޑަށް ދިވެހިރައްޔިތުންނާ މެދު ދީލަތިކަން ނެރުއްވާނެ ކަމަށް. ދިވެހި ރައްޔިތުންނަކީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު ވެސް އެމަނިކުފާނު ވަރަށް ލޯބިވާ ބައެއް. އެމަނިކުފާނު ދިވެހިންގެ ދެކެ ވަރަށް ލޯބިވޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ސަލްމާން ރަސްގެފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިއާއަށް ވަޑައިގެން އެގައުމަށް ދެއްވާ ހައްޖު ކޯޓާގެ އަދަދު ވެސް 10،000 އަށް އެމަނިކުފާނު ވަނީ އިތުރު ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިމަހުގެ ފަހު ހަފްތާގަ އެވެ.