ދީން ރައްކާތެރިކުރެވޭނެ ހުރިހާ ނިޒާމެއް ރައީސް ގާއިމުކޮށްދެއްވައިފި: ހޯމް މިނިސްޓަރު

ގައުމީ އަދި ދީނީ ރޫހާއި ވަހުދަތު ދިރުވުމުގެ މަގްސަދުގައި ސަރުކާރުން ފެށި ގައުމީ މަޝްރޫއު "ތަރިކަ" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިސްލާމްދީން ރައްކާތެރިކުރެވޭނެ ހުރިހާ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރާއްޖޭގައި ގާއިމުކޮށްދެއްވާފައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

ގައުމީ އަދި ދީނީ ރޫހާއި ވަހުދަތު ދިރުވުމުގެ މަގްސަދުގައި ސަރުކާރުން ފެށި ގައުމީ މަޝްރޫއު "ތަރިކަ" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، މުސްލިމުންގެ ތެރޭގައި އިސްލާމީ ވަހުދަތު ނަގާލައި، އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމާއި، ދީނުގެ ތެރެއަށް ބިދުއާ ވެއްދުމާއި، އިސްލާމް ދީނަކީ ހައްދުފަހަނައެޅި ދީނެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރާކަމީ އެންމެންނަށް އެނގޭ ހަގީގަތެއް ކަމަށެވެ.

އަޒްލީން ވިދާޅުވީ، ރާއްޖޭގެ މުޖުތަމައުގެ ތެރޭގައިވެސް މިފަދަ ކަންކަން ކުރާ ބަޔަކު މަދުން ނަމަވެސް އުޅޭކަމަށާއި، މިއީ ހިތާމަހުރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އުފެދޭ ބަޔަކާއި، ފަރަންޖީންގެ ބަޔަކު ދައްކާ ވާހަކަތައް، ނުވަތަ އެކަންކަމުގެ އަވައިގައި ޖެހި، ބަޔަކު ދައްކާހާ ވަހަކަތައް ގަބޫލުކުރާ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯ،"

މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވަނީ ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ވަރުގަދަކޮށްދެއްވާފައި ކަމަށެވެ. އަދި އިސްލާމްދީން ރައްކާތެރިކުރެވޭނެ ހުރިހާ ނިޒާމެއް އެމަނިކުފާނު ގާއިމުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ދީނުގެ ކަމެއް އޮޅުން އަރައިފިނަމަ އެކަންކަން ސާފުކުރެވޭނެ ގޮތާ ވަސީލަތްތައް އިތުރަށް ވަރުގަދަކުރައްވާފައި، ރައީސް ވަނީ އިސްލާމްދީން ރައްކާތެރިކުރެވޭނެ ހުރިހާ ނިޒާމެއް ގާއިމު ކޮށްދެއްވާފައި،" އޭނާ ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، ދީނުގެ ކަންކަން ގެނެވިފައިވާ ގޮތުގައި ހިފައިގެން ދީނީ ކަންކަން ކާމިޔާބުކުރަން އޮތް އެންމެ ރަނގަޅު މަގަށް ރައްޔިތުންގެ އުޅުމާއި ގުޅުން ބައްޓަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު އަޒްލީން އިތުރަށް ވިދާޅުވީ، އިސްލާމީ ވަހުދަތު ގާއިމުކޮށް، އެއްބަނޑު އެއްބަފާކަންމަތީ ދިރިއުޅެވެން ޖެހޭ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވާ މަސައްކަތުގައި އެންމެންވެސް އެކައްޗެއް ކިޔައިގެން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް އަޒްލީން ވިދާޅުވިއެވެ.

"އެއްވެސް ރަށެއް ބާކީނުކޮށް އެމަނިކުފާނު ދަނީ ވަރަށް ވަރުގަދަ ތަރައްގީ ގެނެސްދެއްވަމުން. ތިޔަ ބޭފުޅުންގެ ބައިވެރިވުމާއި އެއްބާރުލުން މި ތަރައްގީގައި ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަން،"

ހޯމް މިނިސްޓަރު ވިދާޅުވީ، ރަށަކަށް ތަރައްގީ ގެނެވޭނީ ތަރައްގީއާއި ކުރިއެރުމާއި ތަމައްދުނަށް ވިސްނުމުގައި ޖާގަ އޮތް ބަޔަކަށް އެކަން ކުރުމުގެ ފުރުސަތު ދެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މައްޗަށް އިސްކޮށް ބަސްކިޔާ ބަޔަކު ގާއިމުވެގެން ނޫނީ ތަރައްގީއާ ހަމައަށް ނާދެވޭނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް