ދީނީ އަދި ގައުމީ ރޫހު ދިރުވުމުގެ މަޝްރޫއު އިފްތިތާހު ކޮށްފި

ދިނީ އަދި ގައުމީ ވަހުދަތު ދިރުވާ އާލާކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުން -- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގެ ދީނީ އަދި ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

"ތަރިކަ"ގެ ނަމުގައި ހިންގާ މި ގައުމީ މަޝްރޫއު ފަށްޓަވައިދެއްވީ ދަރުބާރުގޭގައި ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މި މަޝްރޫޢުގެ ލޯގޯއާއި ޝިއާރުވެސް އިފްތިތާހު ކޮށްފައިވެއެވެ. މަޝްރޫއުގެ ޝިއާރަކީ "ދީނާއި ގައުމިއްޔަތު: ދިވެހީންގެ ނާރެސް" އެވެ.

މިއީ މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ މަޝްރޫއެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންނާއި، ޚާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައި ދީނީ ވަހުދަތާއި، އިސްލާމީ ހަޟާރަތާއި، ދީނީ އަދި ގައުމީ ރޫހު އާލާކުރުމުގެ ގައުމީ މަޝްރޫއެއް ފަށާނެ ކަމަށެވެ.

މިރޭ އިފްތިތާހުކުރި މަޝްރޫއުގެ ދަށުން ދިވެހީންގެ މެދުގައި ގައުމީ އަދި ދީނީ ރޫހު ދިރުވައި އާލާކުރުމާ ބެހޭ އެކިއެކި ހަރަކާތްތައް، ސަރުކާރުގެ އެކި އިދާރާތަކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ދަށުން މަގުޗާޓުތަކެއްވެސް އެކުލަވާލައިފައެވެ. އެ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހުންނަވަނީ ކުރީގެ ވަޒީރު، އަދި ގައުމީ އިނާމު ކޮމިޓީގެވެސް މުގައްރިރުކަން ކުރައްވާ އަބްދުލްރަޝީދު ހުސައިނެވެ.

comment ކޮމެންޓް