ސައުދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ނޫން: މައުމޫން

މައުމޫން ފައުންޑޭޝަން ގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ބޭއްވި އިހްޔާފޯރަމްގައި މައުމޫން އަބްދުލް ޤައްޔޫމް ވާހަކަ ދައްްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސައުދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ނޫން ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ތަނެއް ކަމަށާއި ދިވެހީން އައިއެސްއާ ގުޅިގެންް ޖިހާދަށް ދަނީ ސައުދީ އަރަބިއްޔާގެ ސަބަބުން ކަމަށް ވިދާޅުވެފައި ވާތީ، އެކަމާ ގުޅޭ ގޮތުން "ސަން" އިން ސުވާލު ދެންނެވުމުންނެވެ.

"ސައުދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ޤައުމެއް ނޫން. އެއީ އެންމެހައި މުސްލިމުންގެ ޤަދަރާއި އިހުތިރާމް ލިބިގެންވާ ގައުމެއް،" ރައީސް މައުމޫން ސަން އަށް ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ހަރުކަށި ފިކުރު އުފެދުމަކީ ވަކި ގައުމެއްގައި ކިޔެވީމާ ވާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރު އުފެދެނީ އިސްލާމް ދީނުގައި ހިމެނިފައިވާ ލުއިފަސޭހަ ކަމާއި ސަމާހަތު ރަނގަޅަށް އޮޅުން ފިލާފައި ނޯންނާތީ ކަމަށެވެ.

ރައީސް ނަޝީދު ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ސައުދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފަން ކުރާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެނީ ސައުދީން ކިޔަވާ މީހުންގެ ސަބަބުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މި އިންޓަވިއުއާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ފާޑުކިޔުމާއި ހިތްހަމަނުޖެހުން ދަނީ ރައީސް ނަޝީދަށް އަމާޒުވަމުންނެވެ. އެ ގޮތުން ބައެއް ބޭފުޅުން ވަނީ ރާއްޖޭގެ މީޑިއާ ތަކުގައި އެކަމާ ގުޅޭ ގޮތުން ރައްދު ދެއްވައިފަ އެވެ. އަދި ސޯޝިއަލް މީޑިއާ ގައި ވެސް ބައެއް އިލްމުވެރީން ވަނީ ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

comment ކޮމެންޓް