"ނޯޓީ 40"ގެ މުހިއްމު ރޯލެއް ކުޅޭ ނިއުމާ ފިލްމުގެ ކުރޫއާ ގުޅިއްޖެ

"ނޯޓީ 40" ގައި މުހިއްމު ރޯލެއް ކުޅޭ ނިއުމާ މުހައްމަދު ފިލްމުގެ ޝޫޓިންގައި---

އެންވިޝަން އެންޓަޓައިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން، މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމު "ނޯޓީ 40" ގެ ކުރޫއާ ނިއުމާ ގުޅިއްޖެއެވެ.

"ނޯޓީ 40"ގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ބުނީ، ފިލްމުގައި މުހިއްމު ރޯލަކުން ފެންނާނެ، ނިއުމާ ކުރޫއާ ގުޅުނީ އިއްޔެ ކަަމަށެވެ. އަދި މިހާރު ފިލްމުގެ ޝޫޓިން ބާރަށް ކުރިޔަށް ދާ ކަމަށާއި ށ. މިލަންދޫގައި ނަގަން ހަމަޖެހިފައިވާ ބޮޑު ބައި ޝޫޓްކޮށް ނިމިއްޖެ ކަމަށް ވެސް ސައީދު ބުންޏެވެ.

"ފިލްމުގައި މުހިއްމު ރޯލެއް ކުޅޭނެ ނިއުމާ މިއަދު ޖޮއިންވެ، މިހާރު ދަނީ މި ރަށުގަ ނަގާ ބައިތައް ނިމެންކައިރިވަމުން. ވަރަށް ފޯރީގައި ހުރިހާ އެންމެވެސް މަސައްކަތް ކުރަނީ. މިހާރު ވަނީ 70 ފަސެންޓް ޝޫޓްކޮށް ނިމިފަ. ބާކީ އޮތީ ދެން ވަރަށް މަދު ބައެއް،" ސައީދު ބުންޏެވެ.

ސައީދު ބުނިގޮތުގައި، މިލަންދޫގައި ނަގާ ބައިތަށް ނިންމާލުމަށްފަހު ހުރިހާ ތަރިންވެސް މި މަހުގެ 15 ގެ ކުރިން މާލެ ފުރާނެއެވެ. އަދި މާލެ އައިސް ފިލްމުގެ ޝޫޓިން ފެށޭނީ ތިން މަސް ވަރު ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މާލެ ގޮސް އަޅުގަނޑުމެން ޝޫޓިން ފަށާނީ ދެން ތިން މަސް ފަހުން. އެއީ މި ފިލްމުގަ އުޅޭ ބައެއް ތަރިންގެ ދެ ޖެނަރޭޝަން އެއް މި ފިލްމުގައި ފެނިގެންދާނެތީ އެމީހުންނަށް ބޮޑެތި ބަދަލުތަކެއް އަންނަ ޖެހޭ. އެހެންވެ އެ މުއްދަތު އެ ނަގަނީ،" ސައީދު ބުންޏެވެ.

"ނޯޓީ 40" ގެ ޝޫޓިންގައި ނިއުމާ އަދި އައްޒަ---

ސައީދު ބުނީ، މާލޭގައި ޝޫޓް ކުރާ މަންޒަރުތައް ނެގުން ލަސްވިކަމުގައި ވިޔަސް ފިލްމު އަޅުވަން ބުނި ތާރީހުގައި އަޅުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ގިނަ ފިލްމުތައް ޑައިރެކްޓް ކުރަމުން އަންނަ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ "ނޯޓީ 40" އަކީ ފިލްމީ ދާއިރާގައި ތަޖުރިބާ ހުރި ތަރިންތަކެއްގެ އިތުރުން މުޅިން އާ ދެމޫނެއްވެސް ފެންނާނެ ފިލްމެކެެވެ.

އެގޮތުން ފިލްމުން ފެންނާނެ އާ ދެކުދިންގެ މަަސައްކަތާއި އެކުދިން ދޭ އެއްބާރުލުން ސައީދު ވަނީ ފާހަގަ ކޮށްފައެވެ. މިފަހަރުގެ ފިލްމުން އަލަށް ފެނިގެންދާނެ ދެ ތަރިން ނަކީ މިހާރުވެސް 'ސަން ޓީވީ' ގެ ބައެއް ޕްރޮގްރާމްތައް ޕްރެޒެންޓް ކުރަމުން އަންނަ އަހުމަދު ޝަރީފާއި ދާއިރާ އަށް މުޅިން އާ ގުލިސްތާނެވެ.

"މިދެކުދިންވެސް ވަރަށް އެއްބާރުލުންދޭ އަޅުގަނޑުމެން ނަށް. ވަަރަށް މޮޅު ދެކުދިންވެސް އާ ކުދިންނާ ބަލާފަ،" ސައީދު ބުންޏެވެ.

އަހަރުގެ ތެރޭގައި ނެރޭނެ އެންމެ ބޮޑު ފިލްމު ކަމަށް ބުނާ "ނޯޓީ 40" ގައި މަޝްހޫރު ބޮޑު ކާސްޓެއް ހިމެނޭއިރު ފިލްމުގެ މަަސައްކަތްތައް އެއްކޮށް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.

comment ކޮމެންޓް