"ފަތުރުވެރިކަން އޮތީ ރަނގަޅު ފައްތަރެއްގައި، އިސްތިހާރުކުރުން ވަރުގަދަ ކުރަންޖެހޭ"

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށް އެކި ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ، ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ރާއްޖެ އިސްތިހާރު ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެ އެސޯސިއޭޝަނަކީ ދިވެހި ފަތުރުވެރިކަމުގެ "ބެކް ބޯން"ގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ.

ރާއްޖެއަށް ފަތުރުވެރިންގެ ލޯތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ރީތިކަމާއި ނަލަކަން ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށް އެ އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގިނަ ގޮންޖެހުންތަކެއްވެސް އެބަ ހުއްޓެވެ.

"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޓާޓޯގެ ރައީސް ގިޔާސް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އޮތީ "ވަރަށް އެކްސައިޓިން" ސްޓޭޖެއްގައި ކަމަށާއި ނަމަވެސް އިސްތިހާރު ކުރަން ޖެހޭ މިންވަރަށް އަދިވެސް އިސްތިހާރު ނުކުރެވޭ ކަމަށެވެ. އިސްތިހާރު ކުރުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހަފްތާގެ ކިއު އެންޑް އޭގައި މި ގެނެސްދެނީ މަޓާޓޯގެ ރައީސް ގިޔާސް "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުގެ މުހިއްމު ބައިތަކެވެ.

ކިހިނެއްތޯ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ސިފަކުރައްވާނީ؟

"އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ޓޫރިޒަމް މިއޮތީ ވަރަށް އެކްސައިޓިން ޕްލެޓްފޯމެއްގައޭ. ވަރަށް އެކްސައިޓީން ކްރޮސް ރޯޑަކަށޭ އާދެވިފަ މިއޮތީ. ކުރިން ނުހުޅުވާ ވަރަށް ރާއްޖޭގަ ރިސޯޓު މިހާރު ހުޅުވައިފި. މިދިޔަ އަހަރު އެކަނި 11 ރިސޯޓު އެކި ފިގާސް އިން ދައްކާ ގޮތުގަ. މިއަހަރު 20 ވަރަކަށް ރިސޯޓު ހުޅުވާ ވާހަކަ އެބަ ދައްކާ. އަންނަ މަހުވެސް އެބަ ހުޅުވޭ ދެތިން ރިސޯޓު.

ޕްލަސް ގެސްޓް ހައުސްތަކަށް ބަލާއިރު 400 އާ ގާތް ކުރާ ގެސްޓްހައުސްތައް. އޮފިޝަލީ އެބައުޅޭ 600 ގެސްޓް ހައުސްތައް. އެވެސް ހަމަ ބެޑް ކެޕޭސިޓީ ގިނަވެގެން މިދަނީ."

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖެ އިސްތިހާރު ކުރުމަށް މިއަހަރު ތެރޭ މަޓާޓޯއިން ކިތައް ފެއާގައި ބައިވެރިވާނެތޯ؟

"އެނގިވަޑައިގަންނަވާނެ ފަދައިން އަހަރެއްގެ ތެރޭގައި ކޮންމެ މަހަކުވެސް އަޅުގަނޑުމެން އެބަ ބައިވެރިވަން ކޮންމެވެސް ފެއާއެއްގައި. އެގޮތުން އަޅުގަނޑުމެން ޖެނުއަރީގަ ދިޔައިން ފިންލެންޑުގަ އޮތް ފެއާއަކަށް. މިދިޔަ މަހު ދިޔައިން ސާޓޭ އިންޑިއާގެ ފެއާއަކަށް. މިމަހު އެބަ ދަން އައިޓީބީ ބާލިން ފެއާއަށް. މިއަންނަ މަހު އެބަ ދަން ސައުދީގެ ރިޔާދުގަ އޮންނަ ފެއާއަކަށް.

އަޅުގަނޑުމެން މި ފެއާތަކުގައި ބައިވެރިވަނީ ޓްރެވަލް އެޖެންޓުންނާއި ގެސްޓްހައުސްތައް އަދި ލިވްއަބޯޑްސް ވެސް ހިމަނައިގެން.

އަޅުގަނޑުމެން އަމިއްލަ އަށް އިންޑަސްޓްރީއާ ގުޅިގެން މިކަންތައް މި ފެއްޓީ. މިދިޔަ އަހަރު އަޅުގަނޑުމެން ބައިވެރިވިން ހަތް ފެއާއެއްގައި. މިއަހަރު 10 ފެއާއެއްގައި ބައިވެރިވާނެ. އެ އަދަދު އަދި އިތުރުވުންވެސް އެކަށީގެންވޭ،"

ޑެސްޓިނޭޝަން މާކެޓިންގްއަށް މިއަހަރު ކަނޑައަޅާފައި އޮތް ބަޖެޓު ކުޑަވެގެން އެކަމުގެ ޝަކުވާއާ ކަންބޮޑުވުން މަޓާޓޯއިން ފާޅުކޮށްފައިވޭ. އެކަމަށް މިހާރު ހައްލެއް ލިބިފައި ވޭތޯ؟

"ދޭން ނިންމި ބަޖެޓުގެ 25 ޕަސެންޓު ލިބުނު ކަމަށް ބުނެ އަޅުގަނޑުމެން ނެރުނިން ޕްރެސް ރިލީސް އެއްވެސް. އެކަމަކު އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވް އިންފޮމޭޝަނެއް. ސަޕްލިމެންޓް ބަޖެޓްގެ ދަށުން މިހާރު ބޭނުންވާ ހުރިހާ ކަމެއް ކުރެވޭ. ޓުރިޒަމް މިނިސްޓްރީން މިކަންކަން ކުރަން ބަޖެޓު ހޯދައިދޭ. ދަ ޝޯ އިން ގޮއިން އޯން.

ދިވެހިރާއްޖޭގެ މީގެ 10 އަހަރު ކުރިން ދެމުން އަންނަ ބަޖެޓު މިހާރުވެސް މި އޮންނަނީ. ބެޑް ކެޕޭސިޓީ ޑަބަލް ވާއިރު އެބަ ޖެހޭ ދެއްތޯ މާކެޓިން ބަޖެޓުވެސް ޑަބަލްވާން"

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ބައިނަލް އަގުވާމީ މާކެޓުގަ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރާއިރު ކޮން ކަހަލަ ޗެލެންޖެސްތަކެއް ތޯ ކުރިމަތިވަނީ؟

"ފައިސާގެ ދަތިކަން. އަޅުގަނޑުމެންނަނީ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެއް. އަޅުގަނޑުމެންނަށް ވަރަށް ގިނަ ޕީއާރު ޗެލެންޖެސްތަކަށް ވަރަށް ބޮޑު ސޮލިއުޝަނަކަށް ވާނެ ރަނގަޅު ފުދޭ ވަރެއްގެ މާކެޓިން ބަޖެޓު އޮވެއްޖެއްޔާ.

އެޕަޓައިޓެއް އުފައްދަން އެބަޖެހޭ އެޑްވަޓައިޒް ކުރަން. އެބަ ޖެހޭ ބޮޑެތި ޓްރެވަލް މެގަޒިންތަކުގައާއި ޓީވީ ޗެނަލް ތަކުގަޔާއި އޮންލައިން ޕްލެޓްފޯމުތަކުގަ އިސްތިހާރު ކުރަން. ޖޮއިންޓް ކޮލާބްރޭޝަންތަކަކަށް އެބަޖެހޭ ދާން.

ސްރީލަންކާ، މޯރިޝަސް، ސީޝެލްސް، އެމީހުން އެބަ ޚަރަދު ކުރޭ ރާއްޖެއިން އިސްތިހާރު ކުރަން ޚަރަދު ކުރާ މިންވަރުގެ ޑަބަލް ޑެސްޓިނޭޝަން މާކެޓިންނަށް.

އިސްތިހާރު ކުރުމާއި ފެއާތަކުގައި ބައިވެރިވުމުގެ ބޮޑު ބޭނުމަކީ އަސްލު ރަނގަޅު ޕްރެޒެންސެއް އޮތުން ދެއްތޯ. ރާއްޖޭގަ މިހާ ގިނަ ރިސޯޓުތައް ހުޅުވޭ އިރު އެވާހަކަ ދައްކަން އެބަޖެހޭ. ސްޓެބިލިޓީ ހުރި ރަނގަޅު ޕްލެޓްފޯމެއް ރާއްޖެއަކީ. މޯލްޑިވްސްގެ ވާހަކަ ނުދައްކަންޏާ މޯލްޑިވްސް ރިޕްލޭސް ކުރަން ވަރަށް ގިނަ މީހުން މަސައްކަތް ކުރޭ. މިހާރުވެސް ޗައިނާ މާކެޓު މިދަނީ ލޫޒް ވަމުން ރާއްޖޭގެ އަތުން"

ކިހިނެއްތޯ މިފަދަ ބޮޑެތި ފެއާތަކުގައި ބައިވެރިވެ ރާއްޖެ އިސްތިހާރު ކުރުމަށް ފައިސާ ހޯދަނީ؟ ވިދާޅުވެއްޖެ ބަޖެޓުގެ ދަތިކަން އޮތް ވާހަކަ. ކޮބައިތޯ ފަންޑިން ހޯދާ ގޮތަކީ؟

އާދެ މިކަންކަން ކުރުމަށް ރައިޓް ފަންޑިން އެބަ ބޭނުންވޭ. އަޅުގަނޑުމެން ހުންނާނެ މިއަހަރު ތެރޭގަ ވަރަށް ގިނަ ގްރާންޓް ޕްރޮޕޯސަލްތަކެއް ހުށަހަޅާފަ އެކި އެޖެންސީތަކަށް. ޔޫއެންޑަބްލިއުޓީއޯގަވެސް އެދިފަ ވާނެ. އަޅުގަނޑުމެން މިގޮތަށް ލިބޭ ގްރާންޓުތަކުން ރާއްޖެ އިސްތިހާރު ކުރުމަށް މެގަޒިންތައް ނެރުމާއި ދިރާސާތައް ކުރަން ބޭނުން ކުރަން. އެގޮތުން މީގެ ކުރިން އަޅުގަނޑުމެން ކުރި ދިރާސާއަކުން ދެއްކީ ރާއްޖޭގެ ޓުއަރިޒަމްގެ 25 ޕަސެންޓު ފަތުރުވެރިން އަންނަނީ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ކަމަށް. އެ ދިރާސާ މުރާޖާ ކުރަން އަޅުގަނޑުމެން އެބަ ވިސްނަން،"

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް މިއަހަރު އޮތީ ކިހިނެއްތޯ؟

"މިއަހަރުގެ ޓްރެވަލް އެވޯޑްސް ތިން އެޑިޝަނަކަށް ބަހާލައިގެން ދޭން ހަމަޖައްސާފައިވާކަން މީގެ ކުރިން އަޅުގަނޑުމެން ވާނީ އިއުލާންކޮށްފަ. އެއީ ގެސްޓް ހައުސް އެޑިޝަނާއި ޕީޕަލްސް އެޑިޝަން އަދި ގްރޭންޑް ގާލާ އިވެންޓު.

ެއައިޓީބީ ފެއާގެ ތެރެއިން ޕީޕަލްސް އެޑިޝަން ގެ ނޮމިނީސް އިއުލާން ކުރާނަން. ދެން ސެޕްޓެމްބާގަ އޮތީ ގެސްޓްހައުސް އެޑިޝަން. ގްރޭންޑް ގާލާ އިންނާނެ ނޮވެމްބަރުގަ. މި ތިން އިވެންޓުވެސް އޮންނާނީ ރާއްޖޭގަ.

މި އެވޯޑުތަކާ ގުޅިގެން އިންޑިއާއާއި ލަންކާގަ އަޅުގަނޑުމެން އެބަ ބާއްވަން މޯލްޑިވިއަން ނައިޓްތަކެއް. އެއީ ރާއްޖެއިން މީހުން ގެންގޮސްގެން ނެޓްވޯކިން ނައިޓެއް ގޮތަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިވެންޓުތަކެއް.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރެވިދާނެ އިތުރުކަންތައްތަކަކީ ކޮބައިތޯ؟

"އަޅުގަނޑުމެންވެސް އެބަ ބޭނުންވޭ ޓެކްނޮލޮޖީ. ކީއްވެ އަޅުގަނޑުމެންގެ އަމިއްލަ އޯޓީ އެއް ނުއުފެއްދެން ވީ. އިންޑޮނޭޝިއާގަވެސް އޯޓީއެއް އެބަ ހިންގާ އެގައުމުގެ ސަރުކާރުން އުފައްދައިގެން. އެޕެކް ކިޔާ ކޮންމެވެސް ތަނެއް. އަޅުގަނޑުމެންނަށް ކީއްވެ މި ޓެކްނޮލޮޖީސްތައް ނުއުފެއްދެންވީ. އަޅުގަނޑުމެން އެބަ ޖެހޭ އެއް ހަރުފަތުން އަނެއް ހަރުފަތަށް ދަތުރު ކުރަން. އެއީ މަޓާޓޯގެ އަމާޒަކީ. ތަފާތެއް ގެންނަން ބޭނުމިއްޔާ އަބަދު އެއް ކަމެއް ކޮށްގެން އެ ބަދަލެއް ނުގެނެވޭނެ.

ޓްރެވެލް އެޖެންޓުންވެސް އެބަ ޖެހޭ ޓެކްނޮލޮޖީ އެޑޮޕްޓް ކުރަން. މިއީ ޓެކްނޮލޮޖީގެ ޒަމާން. ހުރިހާ ކަމެއްވެސް އޮންލައިންކޮށް މިކުރަނީ. އެކަން އެބަޖެހޭ ހުރިހާ ޓްރެވަލް އެޖެންޓުންވެސް ޓެކްނޮލޮޖީ އެޑޮޕްޓް ކުރަން.

ރާއްޖެއަށް ގެނެވިދާނެ ޓޫރިޒަމް އޯރިއެންޓެޑް އިނޮވޭޝަންސްތައް އެބަ ހުރި. މިސާލަކަށް ހަލާލް ޓުއަރިޒަމް. ވެލްނެސް ޓުއަރިޒަމް. މިއަދު ރާއްޖެ މިއޮތީ ވަރަށް ރަނގަޅު ފައްތަރެއްގައި. ރާއްޖެއަކީ މިއަދު އިނޮވޭޝަންތަކަށް އޮތް ޕްލެޓްފޯމެއް."

comment ކޮމެންޓް