ޓަމިލް ނާޑޫގައި ޕެޕްސީ އާއި ކޮކާ ކޯލާ ވިއްކުން މަނާކޮށްފި

ޓަމިލް ނާޑޫގައި ޕެޕްސީ އާއި ކޮކާ ކޯލާ ވިއްކުން މަނާ ކުރީ އިންޑިއާގައި އުފައްދާ ބުއިންތައް ޕްރޮމޯޓުކުރުމުގެ ގޮތުން -- ފޮޓޯ: ގެޓީ

ޗެންނާއީ (މާޗް 1): އިންޑިއާގެ ޓަމިލް ނާޑޫގައި އެގައުމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރުމުގެ ގޮތުން ޕެޕްސީ އާއި ކޮކާ ކޯލާ ވިއްކުން އެ ސްޓޭޓުގެ ވިޔަފާރިވެރިންގެ ދެ ޖަމްއިއްޔާއަކުން މަނާކޮށްފި އެވެ.

ފެޑެރޭޝަން އޮފް ޓަމިލް ނާޑޫ ޓްރޭޑާސް އެސޯސިއޭޝަންސް އަދި ޓަމިލް ނާޑޫ ޓްރޭޑާސް އެސޯސިއޭޝަން ފޯރަމުން މިއަދުން ފެށިގެން ޕެޕްސީ އާއި ކޮކާ ކޯލާ ވިއްކުން މަނާ ކުރުމާ ގުޅިގެން ޓަމިލް ނާޑޫގެ މިލިއަނަކަށް ވުރެ ގިނަ ފިހާރައިން އެގަވާއިދާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

އެ ދެ ޖަމިއްޔާއިން ބުނި ގޮތުގައި ލުއި ބުއިން މަނާ ކުރަން ނިންމީ އެބުއިންތައް އުފެއްދުމަށް ކޯރުން މާގިނައިން ފެން ނެގުމުގެ ސަބަބުން ދަނޑުހެއްދުމަށް އެކަށީގެންވާ މިންވަަރަށް ފެން ނުލިބޭތީ އެވެ. އަދި އެފަދަ ލުއިބުއިންތަކަކީ ސިއްހަތަށް ގެއްލުންހުރި ބުއިންތައް ކަމަށާއި އޭގެ ބަދަލުގައި މޭވާ ޖޫސް ބުއިމަށް ހިތްވަރުދޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެޖަމިއްޔާތަކުން ވަނީ އެ ސްޓޭޓުގެ ސުޕަމާކެޓުތަކާއި، ރެސްޓޯރެންޓުތަކާއި، ހޮޓެލްތަކުންވެސް ޕެޕްސީ އާއި ކޮކާ ކޯލާގެ ބަދަލުގައި ޓަމިލް ނާޑޫގައި އުފައްދާ ތަކެތި ވިއްކުމަށް ގޮވާލާފައެވެ.

އެގަވާއިދާ ބެހޭ ގޮތުން ޕެޕްސީ އާއި ކޯކާ ކޯލާ ކުންފުނިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް