ތިމަރަފުށީ އެއާޕޯޓުގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ

ތިމަރަފުށީ އެއާޕޯޓު -- ފޮޓޯ: ޕެނަރާމިއޯ

ތ. ތިމަރަފުށީ އެއާޕޯޓުގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ އެއާޕޯޓު ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ކުންފުނިން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ ތިމަރަފުށީ އެއާޕޯޓުގައި ކެފޭއެއް ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅައި ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން ބިޑާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 05:00 ގައި ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ތިމަރަފުށީ ޑޮމެސްޓިކް އެއާޕޯޓު ހުޅުވީ 2013 ވަނަ އަހަރުގައެވެ. އައިލެންޑް އޭވިއޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 11،000 މީހުންގެ އާބާދީއެއް އޮންނަ ތ. އަތޮޅުގައި އޮންނަ ހަމަ އެކަނި އެއާޕޯޓުގައި މިހުރިހާ ދުވަހު ކެފޭއެއް ނުހުންނަ ކަމަށެވެ. ނަމަވެސް ބިޑަށް ހުޅުވާލާފައިވާ މަސައްކަތެއް ކަމުން، އިއުލާނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 20:00 ގައި ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް