ފްރާންސްގެ ރައީސްކަމަށް އޮބާމާ ވާދަކުރެއްވުމަށް ގޮވާލާ ޕެޓިޝަނެއް ފަށައިފި

އޮބާމާ 2017 ޖަހާފައިވާ ޕޯސްޓަރުތައް ޕެރިސްގެ އެކި ސަރަހައްދުތަކުން މިހާރުވެސް ފެންނަމުންދޭ -- ފޮޓޯ: ގެޓީ

ޕެރިސް (ފެބްރުއަރީ 26): މިއަހަރު ފްރާންސުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާދަކުރެއްވުމަށް ގޮވާލާ ޕެޓިޝަނެއް ފްރާންސުގައި ފަށައިފި އެވެ.

މިދިޔަ ހަފްތާ ތެރޭގައި ފެށި އޮބާމާ 17 ކެމްޕެއިނުގެ މަގުސަދަކީ އަންނަ މަހުގެ 15 އާ ހަމައަށް އެޕެޓިިޝަނަށް އެއް މިލިއަން މީހުންގެ ސޮއި ހޯދައި، ފްރާންސުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އޮބާމާ އެއްބަސްކުރުވުން ކަމަށް އެކެމްޕެއިނުން ބުނެ އެވެ.

އެކެމްޕެއިނުގެ ވެބްސައިޓުގައިވާ ގޮތުން ރައީސެއްގެ މަގާމު އަދާކުރުމަށް މުޅި ދުނިޔެއިންވެސް އެންމެ ރަނގަޅު ވަނަވަރެއް އޮތް ފަރާތަކީ އޮބާމާ އެވެ. އަދި ފްރާންސުގެ ރައީސް ކަމަށް ބިދޭސީއަކު އައްޔަން ކުރުމަކީ އެގައުމު ޑިމޮކްރަސީގެ ނަމޫނާއަކަށް ވެގެން ދާނެ ކަމެކެވެ.

އޮބާމާ އަކީ ފްރާންސުގެ ރައްޔިތެއް ނޫން ކަމުން އޭނައަށް އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށްވީ ނަމަވެސް އެޕެޓިޝަނަށް 27،000 މީހުންގެ ސޮއި ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އޮބާމާ 2017 ޖަހާފައިވާ ޕޯސްޓަރުތައް ޕެރިސްގެ އެކި ސަރަހައްދުތަކުން މިހާރުވެސް ފެންނަމުންދާ ކަމަށް އެރިޕޯޓުތަކުގައިވެ އެވެ.

ްފްރާންސުގެ ރިޔާސީ އިންތިހާބު ފެށޭނީ އޭޕްރީލް 23ގައެވެ. (ޓައިމްސް)

comment ކޮމެންޓް