ޒުވާނުން ވާން ޖެހޭނީ ގައުމީ ކަންކަމަށް އިސްކަން ދޭންޖެހޭ ބަޔަކަށް: ނާޒިމް

ފެބްރުއަރީ 25، 2017: އެމްއެންޔޫއެސްޔޫގެ ގޮފިތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންނަކީ ގައުމީ ކަންކަމަށާއި ގައުމީ މަސްލަހަތު އިސްކޮށް، އެންމެންގެ ލާބަޔާ މަންފާއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ ބަޔަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު އޮފް ހެލްތް އަލްފާޞިލް އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މި އަހަރަށް "އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަން"ގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ޒުވާނުންނާއި ކިޔަވާކުދިންނަކީ ގައުމީ ކަންކަމުގައި 'ޕްރޯއެކްޓިވް' ބަޔަކަށް ވާންޖެހޭ ކަމަށާއި އެ ފަދަ ޒުވާނުންގެ ކިބައިގައި ވަރަށް ގިނަ ސިފަތައް ހުންނަންޖެހޭ ކަމަށެވެ.

"ޕްރޮއެކްޓިވް މީހެއްގެ އެންމެ މުހިއްމު އެއް ސިފައަކީ ކަމެއް ދިމާވީމަ ރިއެކްޓިވް މީހަކަށް ނުވެ، ޕްރޮއެކްޓިވް މީހަކަށް ވުން. މިދޭތީގެ ތަފާތު އިނގުން. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ރިއެކްޓިވް އާދަތައް ނުގެންގުޅުން އެއީ މިރޭ އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވާ އެއްޗަކީ،" ނާޒިމް ވިދަޅުވިއެވެ.

ފެބްރުއަރީ 25، 2017: އެމްއެންޔޫއެސްޔޫގެ ވިންގްތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަންކަން ނިންމާއިރު ޕްރޯއެކްޓިވް މީހަކަށް ވުމަށްޓަކައި އުސޫލުތަކާއި ގަވާއިދުތަކަށް ބަލައި، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް ކަންކަން ނިންމުމަށް ސަމާލުވާންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ހަމައެހެންމެ ސްޓޫޑެންޓް ޔޫނިއަންއެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާ ކުރުމުގައި ވަކިވަކި ފަރުދުންގެ އަމިއްލަ ކަންކަން އެއްކިބާކޮށް، މުޅި މުޖުތަމައުގެ މަސްލަހަތާއި ފުޅިފައިވާ ކަންކަމަށް އިސްކަންދޭންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކިޔަވާ އެއްތަނަކީ ޔުނިވާސިޓީ ކަމަށާއި ހުރިހާ ކުދިން ވެސް ވަރަށް ޒިންމާދާރު ވާންޖޭނެ ކަމަށެވެ. އެފަދަ ކުދިންތަކަކީ ސިއްހީ ކަންކަމަށް ވެސް ބަލައިގެން ކަންކަން ރާވާ ކުދިން ތަކަކަށް ވާންޖެހޭ ކަމަށެވެ.

ފެބްރުއަރީ 25، 2017: އެމްއެންޔޫއެސްޔޫގެ ވިންގްތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވަނީ ޔުނިވާސިޓީގެ މާލޭ ކެމްޕަހުގައި ސްޓޫޑެންޓް ޔޫނިއަންގެ ގޮފިތަކަށް އައްޔަންވި ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އަތޮޅުތަކުގައި ހުންނަ ކެމްޕަސް ތަކުގައި ވެސް އެކި އެކި ގޮފިތަކަށް ކުދިން އައްޔަން ކުރާނެއެވެ.

އެގޮތުން ރޭ ވަނީ މަލޭ ކެމްޕަހުގެެ 10 ގޮތްޕަކަށް ކުދިން އައްޔަން ކޮށްފައެވެ. އެ 10 ގޮތްޕަކީ:

  1. ސިއާ/ ފެކަލްޓީ އޮފް އާޓްސް
  2. ހީލާސް/ ފެކްލަޓީ އޮފް ހެލްތް އެންޑް ސައިންސް
  3. ތަރަހަ/ ސެންޓަރ ފޯ ފައުންޑޭޝަން ސްޓްޑީޒް
  4. އެފްއީއެސްއޭ/ ފެކަލްޓީ އޮފް އެޑިއުކޭޝަން
  5. އެސްއީޓީ/ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
  6. އެސްއެސްއެލް/ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ
  7. އެސްއޯއެސް/ ފެކަލްޓީ އޮފް ސައިންސް
  8. އެސްއެޗްއޭޓީއެސް/ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
  9. އެސްއައިއެސް/ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
  10. ބީއެސްއެސްއޭ/ އެމްއެންޔޫ ބިޒްނަސް ސްކޫލް
comment ކޮމެންޓް