ޒިގްޒެގް ބަލިކޮށް، ސައިކްލޯނުން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ސައިކްލޯން: ފައިނަލުގައި ޒިގްޒެގް އަތުން ސައިކްލޯން މޮޅުވީ 40-46 ޕޮއިންޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބަލިކޮށް، ސައިކްލޯން ބާސްކެޓްބޯލް ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު އެ ޑިވިޝަންގެ ފައިނަލް މެޗުގައި ޒިގްޒެގްގެ މައްޗަށް ސައިކްލޯނުން ކުރި ހޯދީ 46-40 ޕޮއިންޓުންނެވެ.

އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ސައިކްލޯންއާއި ޒިގްޒެގް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސައިކްލޯން މޮޅުވީ 40-46 ޕޮއިންޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ސައިކްލޯންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ އެޓީމަށް ޖުމްލަ 15 ޕޮއިންޓް ހޯދައިދީފައެވެ. ޒިގްޒެގްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 14 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިންގެ މަގާމަށް ހޮވުނީ ސައިކްލޯންގެ ރައިފާ އިބްރާހީމާއި، އެޓީމުގެ ނަޝްފާ އާމިރާއާއި، އެޓީމުގެ ފާތިމަތު ރިޝްމާއާއި، ޒިގްޒެގްގެ ޝިޒްނާ ރަޝީދު އަދި އެޓީމުގެ އައިމިނަތު ހަލީމެވެ. އެ ޑިވިޝަންގައި އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތު ޝިއުރާއެވެ.

އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ސައިކްލޯންއާއި ޒިގްޒެގް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސައިކްލޯން މޮޅުވީ 40-46 ޕޮއިންޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ ފިރިހެނުންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ފައިނަލް މެޗަށް ވެސް ޓީމުތައް ވަނީ ދަތުރުކޮށްފައެވެ. ދެވަނަ ޑިވިޝަންގެ ފައިނަލުގައި އެލްޓީ ސްޕޯޓްސް ކްލަބާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެރޭ އެވެ.

comment ކޮމެންޓް