ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ޓީރެކްސް އާއި ކިންގްސް ބީސީ ހޯދައިފި

މިހާރު ކުރިއަށްދާ ތިންވަނަ އެމްބީއޭ ކަޕްގެ ތެރެއިން: ފުރަތަމަ ޑިވިޝަންގެ ފައިނަލަށް ޓީރެކްސްއާއި ކިންގްސް ބީސީ ވަނީ ދަތުރުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިންވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގެ ފައިނަލްގެ ޖާގަތައް ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބު ހޯދައިފިއެވެ.

ޓީރެކްސްއާއި ކިންގްސް ބީސީން ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އިއްޔެ ކުޅުނު ސެމީގެ ފައިނަލް މެޗުތަކުން ކުރި ހޯދައިގެންނެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑްގެ މައްޗަށް ޓީރެކްސް ވަނީ ކުރި ހޯދައިފަ އެވެ. އެ މެޗުން ޓީރެކްސް މޮޅުވީ 94-57 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 11 ޕޮއިންޓް ހޯދައިދިން އަލީ ފަޒްލީއެވެ.

އެ މުބާރާތުގެ ސެމީގެ ދެ ވަނަ މެޗުގައި ކިންގްސް ބީސީ ވަނީ ދަ ބައުސް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އެ މެޗުން ކިންގްސް ބީސީ މޮޅުވީ 87-74 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސް ބީސީއަށް 26 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލެވެ.

އެ މުބާރާތުގެ ފައިނަލުގައި ޓީރެކްސް އާއި ކިންގްސް ބީސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެރޭ އެވެ. އެ މެޗަށް ދެ ޓީމު ނުކުންނައިރު، ލީގު ބުރުގައި ކުޅުނު ދެ މެޗުގައި ވެސް ކިންގްސް ބީސީގެ މައްޗަށް ޓީރެކްސް ވަނީ ކުރި ހޯދައިފައެވެ. އެ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ޓީރެކްސް ކާމިޔާބުކޮށްފައިވާއިރު، ކިންގްސް ބީސީ ބަލިވެފައިވަނީ ހަމައެކަނި ޓީރެކްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

comment ކޮމެންޓް