ބައެއް ނޫސްވެރިން ވައިޓް ހައުސް އަށް ނުވެއްދުމުން އިހްތިޖާޖުކޮށްފި

އެމެރިކާގެ ނޫސްވެރިން

ވޮޝިންޓަން (ފެބްރުއަރީ 25) : އެމެރިކާގެ މީޑިޔާގެ ވަސީލަތްތަކުގެ ތެރެއިން ނިޔުޔޯކް ޓައިމްސް އާއި ސީއެންއެން ފަދަ މުހިއްމު އެތައް ވަސީލަތްތަކެއް ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮނަފަރެންސަކަށް ވަނުން މަނާކުރުމުން އެމެރިކާގެ ނޫސްވެރިން އެކަމާ ދެކޮޅަށް އިހްތިޖާޖްކޮށްފި އެވެ.

އިޙްތިޖާޖްކުރި ނޫސްވެރިންގެ ޖަމްއިއްޔާތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުވާކުރާ އެމެރިކާއަށް ކުރިމަތިވި ބޮޑު ލަދުވެތިކަމެއް ކަމަށާ މިކަމުގެ ސަބަބުން އެމެރިކާގެ ނޫސްވެރިކަން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ނޫސްވެރިކަމަށް ވުރެ އެތައް ގުނައެއް ފަހަތަށްގޮސްފި ކަމުގަ އެވެ. ނިޔުޔޯކް ޓައިމްސް އާއި ސީއެންއެން އާއި ޕޮލިޓިކޯ މަޖައްލާއާއި އެނޫންވެސް ޓްރްމްޕާ ދެކޮޅަށް ފާޑުކިޔާ އެމެރިކާގެ އެތަށް ނޫހަކާއި ޓީވީ ޗެނެލްތަކަކަށް ވަނީ ވައިޓް ހައުސްގައި ބާއްވާ ނޫސްކޮންފަރެންސަކަށް ވަނުން މަނާކޮށްފަ އެވެ.

މިކަން ވައިޓްހައުސް އިން ކުރީ ޓްރަމްޕްގެ އަމުރުފުޅަށްކަމަށް ޚަބަރުތައް ބުނެ އެވެ. މިމައްސަލާގައި ވައިޓް ހައުސްއާ ދެކޮޅަށް އިހްތިޖާޖްގެ ބަޔާންތައް ނެރުނު އެމެރިކާގެ ނޫސްވެރިންގެ ތެރޭގައި ވައިޓް ހައުސްގެ ނޫސްވެރިންގެ ޖަމްއިއްޔާ ހިމެނެ އެވެ. އެޖަމްއިއްޔާގެ ރައީސް ޖެފް މައިސަން ވިދާޅުވީ މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ވައިޓް ހައުސްއިން ހިންގާ އަމަލުތަކަކީ ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެމެރިކާގެ ކަންތައްތައް ދަނީ ގޯހުން ގޯހަށް ކަމުގަ އެވެ.

ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސުން އެއްކިބާކުރި ނޫސްތަކާއި ޓީވީ ޗެނެލްތަކާއި މަޖައްލާތަކާ އެއްބައިވުމުގެ ގޮތުން އެމެރިކާގެ މަޝްހޫރު އެތައް ޗެނެލްތަކަކާއި ނޫސްތަކެއް ވަނީ ވައިޓް ހައުސްގައި ބާއްވާ ނޫސްކޮންފަރެންސްތައް ބޮއިކަޓް ކުރުމަށް ނިންމާފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް