ސިންގަލްސް އިވެންޓަކުގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރީން ކަށަވަރުވެއްޖެ

މިހާރު ކުރިއަށްދާ ގައުމީ ކެރަމް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް އިވެންޓްތަކުގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެ، ފައިނަލުން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ހަސަން ނާޒިމްއާއި އަލީ އާޒިމްއެވެ.

ސެމީގެ ފުރަތަމަ މެޗުގައި ހަސަން ނާޒިމް ވަނީ އަހްމަދު ޖަލާލް އަލީ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ނާޒިމްއަކީ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދި ކުޅުންތެރިއެކެވެ. ސެމީގެ ދެވަނަ މެޗުގައި އަލީ އާޒިމް ވަނީ އިސްމާއީލް އަޒްމީންގެ މައްޗަށް 2-1 ސެޓުންނެވެ.

އެ މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީގެ މެޗުތަކުން މޮޅުވެ، ފައިނަލުން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އައިމިނަތު ވިޝާމާއާއި އައިމިނަތު ވިދާދެވެ.

ސެމީގެ ފުރަތަމަ މެޗުގައި އައިމިނަތު ވިޝާމާ ވަނީ ސީދާ ދެ ސެޓުން އައިމިނަތު ޝުބާގެ މައްޗަށް ކުރި ހޯދައިފައެވެ. ސެމީގެ ދެވަނަ މެޗުގައި އައިމިނަތު ވިދާދު ވަނީ ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް އަތުން މޮޅުވެފައެވެ.

އެ މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދު ކުރިއަށްދާނީ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޓީމް އިވެންޓްގެ މެޗުތަކެވެ.

comment ކޮމެންޓް