ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ފައިނަލުން އެލްޓީ ސްޕޯޓްސް ކްލަބާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ޖާގަ ހޯދައިފިއެވެ.
އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލުން އެލްޓީއާއި ސްޓިންގާސް ޖާގަ ހޯދީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި އެލްޓީ ވަނީ 58-84 ޕޮއިންޓުން ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލްޓީއަށް 27 ޕޮއިންޓް ހޯދައިދިން އަހްމަދު ރާއިދު ސަލީމެވެ.
ރޭ ކުޅުނު ސެމީގެ މެޗުގައި ސްޓިންގާސް ވަނީ ޔޫއެން ފްރެންޑްސްގެ މައްޗަށް ކުރި ހޯދައިފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ސްޓިންގާސް މޮޅުވީ 70-67 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫއެން ފްރެންޑްސްއަށް 21 ޕޮއިންޓް ހޯދައިދިން މުހައްމަދު ހަސަނެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލްގައި އެލްޓީއާއި ސްޓިންގާސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 8:30ގައެވެ.
އެ މުބާރާތުގައި މިއަދު ކުރިއަށްދާނީ ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލްގެ މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ޓީރެކްސް އާއި ހަތަރުވަނަ ކުޑަހެންވޭރު ޔުނައިޓެޑެވެ. އަދި މިރޭ ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ދެވަނަ ހޯދި ކިންގްސް ބީސީއާއި ތިންވަނަ ހޯދި ދަ ބައުސް ބާސްކެޓްބޯލް ކްލަބެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ.
އެ މުބާރާތުގައި އަންހެން ޑިވިޝަން ވެސް ކުރިއަށްދެއެވެ. އަންހެން ޑިވިޝަންގެ ފައިނަލަށް މިހާރު ޓީމުތަކަށް ދަތުރުކޮށްފައިވާއިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ ސައިކްލޯންއާއި ޒިގްޒެގްއެވެ.