މަންމަ ވާގިނެތި ނިކަމެތިވި އާއިލާއެއް!

ޝުއިޒާ އާއި އަލީގެ އާއިލާ: އެއާއިލާ އެދެނީ ދީލަތި އެހީތެރިކަމަކަށް: ސަން ފޮޓޯ: ކިޔުންތެރިއެއް

ބައްޕަ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރަމުންދާއިރު މަންމަގެ ޒިންމާއަކީ އެ ދެމަފިރީންގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. އުފާވެރިކަމާއެކު ދިރިއުޅެމުންދިޔަ މެދު ފަންތީގެ އެއާއިލާއަށް ނުތަނަވަސްކަން ކުރިމަތިވީ އާއިލާގެ މައިތަނބުކަމަށްވާ މަންމައަށް ކުއްލިއަކަށް ދިމާވި ބޮޑު ސިއްހީ މައްސަލައާއެކުއެވެ. މިހާރު އެއާއިލާ ތަހައްމަލްކުރަމުން ދަނީ އެ ވޭނީ ދުނިޔެއެވެ. މިއީ ހދ. ހަނިމާދޫ، ބިލަމަގުމާލެ، 41، އަލީ މޫސާ އާއި ބ. ދަރަވަންދޫ، 39، އައިޝަތު ޝުއިޒާގެ ދިރިއުޅުމުގެ ވާހަކައެވެ.

ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޝުއިޒާއަށް ވަނީ ސްޓްރޯކެއް ޖެހި، ހަށިގަނޑުގެ އެއް ފަރާތް ވާގި ގޮސްފައެވެ. ހަތަރު ކުދީންގެ މަންމައަށް އެ މައްސަލަ ދިމާވުމާއެކު އޭރު ރާއްޖޭން ބޭރަށް ގެންގޮސް ފަރުވާދިނެވެ. އިންޑިއާގެ އާނަންތަޕޫރީން އާސަންދައިގެ ދަށުން ގިނަދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު ރާއްޖެ ފޮނުވީ ހަ މަސް ފަހުން އަލުން އައުމަށް ބުނެއެވެ.

"އެއައިގޮތަށް ނުދެވޭ. ފައިސާ ނުލިބޭތީ ނުދެވެނީ. މިހާރުވެސް ދިވެހި ބޭސްކޮށްގެންވެސް ވަރަށް ފަރުވާ އެބަދެން. އެކަމަކު ޑޮކްޓަރު ފަރުވާވަނީ ހުއްޓިފަ. ފައިސާނެތީމަ،" ހަނިމާދޫގައި ދިރިއުޅޭ އެ އާއިލާގެ ހާލަތު ކިޔައިދެމުން ޝުއިޒާގެ ފިރިމީހާ އަލީ ބުންޏެވެ.

އެ ދެމަފިރީންގެ ހަތަރު ކުދީން ތިބޭއިރު އެންމެ ދޮއްޓަށް ހުރި އަންހެން ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އެއީ އޯޓިޒަމް ކުއްޖެކެވެ. އޭގެ ހަގަށް ބާރަ އަހަރުގެ އަންހެން ކުއްޖަކު ހުންނައިރު ހަގަށް ހުންނަނީ ފަސް އަހަރާއި ތިން އަހަރުގެ ދެ ފިރިހެން ކުދީންނެވެ.

އެކުދީންގެ ބައްޕަ އަލީ އަކީ ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރަމުންދިޔަ މީހެކެވެ. އަންހެނުން ސްޓްރޯކް ޖެހުމުގެ ކުރިން އެންމެ ފަހުން އޭނާ މަސައްކަތް ކުރީ ރިސޯޓެއްގެ ހައުސް ކީޕިންގައެވެ. އަންހެނުން ބަލިވުމާއެކު އާއިލާ ބަލާނެ މީހަކު ނެތި މިއަދު އޭނާއަށް ވަޒީފާ އަދައެއް ނުކުރެވެއެވެ.

" ބޭރަށް ގޮސް އައިިރު އޮތީ ވަޒީފާއިން ވަކިކޮށްފަ. އަންހެނުންވެސް ދަރިންވެސް ބަލަނީ އަޅުގަނޑު. އިތުރު ބައެއްނެތް، އެހެންވެ އަޅުގަނޑަށް ވަޒީފާއަަކަށް ނުދެވޭ،" އަލީ ހާލަތު ކިޔައިދެމުން ބުންޏެވެ.

ދިވެހި ބޭހުގެ ފަރުވާއަށްފަހު ޝުއިޒާއަށް މިހާރު ކުޑަކޮށް ހިނގައިއުޅެވެއެވެ. ނަމަވެސް އަބަދުވެސް ކައިރީގައި މީހަކު ހުންނަންޖެހެއެވެ. އަތުން އެއްވެސް ކަމެއްނުކުރެވޭތީއެވެ.

އަލީ ބުނިގޮތުގައި އެންސްޕާގެ އެހީއެއްވެސް އަދި އާސަންދަ މެދުވެރިކޮށްވެސް ރާއްޖޭން ބޭރަށް ފަރުވާ ހޯދަން ދެވެން އޮތީ މާލެ އައިސް ޑޮކްޓަރަކަށް ދައްކައި އެޑޮކްޓަރުގެ ލިޔުންތައް ލިބިގެންނެވެ.

"ރަށުން ބަރާބަރަށް އެބަ ދައްކަން. ރަށުން އާސަންދަ ލިބޭ. އެކަމަކު ރާއްޖެ ތެރެ ވީމަ ބޭރަށް ދާން ބޭނުންވާކަންކަން ނުވޭ،" އަލީ ބުންޏެވެ.

މިއަދު މަސައްކަތް ނުކުރެވި އަދި އެކަނިމާއެކަނި އާއިލާ ބަލަހައްޓަންޖެހޭތީ އެކަން ކުރެވެންއޮތީ ދީލަތި އެހީތެރިކަމެއް ލިބިގެންކަމަށް އަލީ ބުންޏެވެ. އާސަންދަ ލިނުބަސް މާލޭގައި ހުރުމަސްވެސް އަދި ރާއްޖެއިން ބޭރަށްގޮސް ހުރުމާއި ކެއުމަށްވެސް ހަރަދުތައް ދެއެވެ. އެ ނިކަމެތި އާއިލާއިން އެދެނީ ދީލަތި އެހީއަކަށެވެ.

ޝުއިޒާއަށް އެހީވުމަށް:

އަލީ މޫސާ(ފިރިމީހާ): 7866621

އެކައުންޓް ނަމްބަރު: އަލީ މޫސާ ‎7719218492001

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް