ފުރަތަމަ ޑިވިޝަންގެ ލީގު ބުރުގެ އެއްވަނަ ޓީރެކްސްއަށް، ދެވަނަ ކިންގްސް ބީސީއަށް

މިހާރު ކުރިއަށްދާ ތިންވަނަ އެމްބީއޭ ކަޕްގެ ތެރެއިން: ފުރަތަމަ ޑިވިޝަންގެ ސެމީގެ މެޗުތައް މާދަމާ ކުޅޭނެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތިންވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގެ ލީގު ބުރުގެ އެއްވަނަ ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ހޯދި އިރު، ކިންގްސް ބާސްކެޓްބޯލް ކްލަބުން ދެވަނަ ހޯދައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ ލީގު ބުރުގެ ފަހު މެޗު ރޭ ކުރިއަށްދިޔަ އެވެ. ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ޓީރެކްސް ވަނީ ކިންގްސް ބީސީ އަތުން މޮޅުވެފަ އެވެ.

ރޭ ކުޅުނު މެޗުގައި ކިންގްސް ބީސީގެ މައްޗަށް ޓީރެކްސް ކުރި ހޯދާފައި ވަނީ 78-67 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޓީރެކްސް އަށް 29 ޕޮއިންޓް ހޯދައިދިން އިބްރާހިމް ރަޝްވާނެވެ.

ލީގު ބުރުގެ އެއްވަނަ ހޯދި ޓީރެކްސް އިން ކުޅުނު ހުރިހާ މެޗަކުން މޮޅުވި އިރު، ކިންގްސް ބީސީ ބަލިވެފައި ވަނީ ހަމައެކަނި ޓީރެކްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މާދަމާ ހަވީރު ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ޓީރެކްސް އާއި ހަތަރުވަނަ ކުޑަހެންވޭރު ޔުނައިޓެޑެވެ. އަދި މާދަމާރޭ ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ދެވަނަ ހޯދި ކިންގްސް ބީސީއާއި ތިންވަނަ ދަ ބައުސް ބާސްކެޓްބޯލް ކްލަބެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެ އެވެ.

އެ މުބާރާތުގެ ދެވަނަ ޑިވިޝަނުން ވެސް ސެމީގެ ޖާގަތައް ހޯދި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މިއަދު ހަވީރު ކުޅޭ އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި އެލްޓީއާއި ރެޑް ވިންގްސް ބައްދަލުކުރާ އިރު، މިރޭ ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ސްޓިންގާސްއާއި ޔޫއެން ފްރެންޑްސްއެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެ އެވެ.

އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗު އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވެ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސައިކްލޯންއާއި ޒިގްޒެގް އެވެ.

comment ކޮމެންޓް