ސިންގަލްސް އިވެންޓްތަކުގެ ސެމީއަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ

މިހާރު ކުރިއަށްދާ ގައުމީ ކެރަމް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް އިވެންޓްތަކުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

ކެރަމް ހޯލްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކަށް ފަހު ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީގެ ޖާގަތައް ހޯދި ކުޅުންތެރިންނަކީ ހަސަން ނާޒިމްއާއި އަހްމަދު ޖަލާލް އަލީއާއި އަލީ އާޒިމް އަދި އިސްމާއިލް އަޒްމީނެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ރޭ ހާތިމް ޚަލީލް އަތުން 2-1 ސެޓުން ހަސަން ނާޒިމް މޮޅުވިއިރު، ދެވަނަ މެޗުގައި އަލީ ހަސަންގެ މައްޗަށް އަހްމަދު ޖަލާލް އަލީ ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. ތިންވަނަ މެޗުގައި އާދަމް އަދީލްގެ މައްޗަށް ސީދާ ދެ ސެޓުން އަލީ އާޒިމް ކުރި ހޯދި އިރު، ހަތަރު ވަނަ މެޗުގައި ޔަމާން އަބްދުލްޖަލީލްގެ މައްޗަށް އިސްމާއިލް އަޒްމީން ކުރި ހޯދީ 2-1 ސެޓުންނެވެ.

ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގެ ދެ މެޗު ވެސް މިރޭ ކުރިއަށްދާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި އަހްމަދު ޖަލާލް އަލީއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ހަސަން ނާޒިމް ނުކުންނަ އިރު، ދެވަނަ މެޗުގައި އަލީ އާޒިމް ނުކުންނާނީ އިސްމާއިލް އަޒްމީންއާ ދެކޮޅަށެވެ.

އަންހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން އައިމިނަތު ވިޝާމާއާއި އައިމިނަތު ޝުބާ އާދަމްއާއި އައިޝަތު ފައިނާޒް އަދި އައިމިނަތު ވިދާދެވެ.

އެ އިވެންޓްގެ ކުއާޓާގެ ފުރަތަމަ މެޗުގައި އައިޝަތު ނަހުފާގެ މައްޗަށް ސީދާ ދެ ސެޓުން ވިޝާމާ ކުރި ހޯދި އިރު، ދެވަނަ މެޗުގައި އައިޝަތު ޒުލްފިޝާންގެ މައްޗަށް ޝުބާ ވަނީ ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. ތިން ވަނަ މެޗުގައި ފާތިމަތު ރަޔާނާ އަތުން ސީދާ ދެ ސެޓުން ފައިނާޒް މޮޅުވި އިރު، ޖުމާނާ ޚަލީލް އަތުން ވިދާދު މޮޅުވީ 2-1 ސެޓުންނެވެ.

މިރޭ ކުޅޭ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީގެ ފުރަތަމަ މެޗުގައި ޝުބާއާ ދެކޮޅަށް ވިޝާމާ ނުކުންނައިރު، ދެވަނަ ސެމީގައި ވިދާދު ނުކުންނާނީ ފައިނާޒްއާ ދެކޮޅަށެވެ.

comment ކޮމެންޓް