ކާޑެއްދޫ އެއާޕޯޓް އަތުލުން މަޑުޖައްސާލަން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި

ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ----

ވިލާ އެއާ އަށް ސަރުކާރުން ކުއްޔަށްދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރަށް ނެގުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

ހައިކޯޓުން އެ އަމުރު ބާތިލްކޮށްފައި ވަނީ ދައުލަތުން އެ އަމުރު އެ ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހުއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ސިވިލް ކޯޓުން ނެރުނު އެ އަމުރަކީ ޝަރުއީ ގޮތުންނާއި، ގާނޫނީ ހަމަތަކުގެ މަތިން ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު އެ އަމުރު ނެރުނީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ރީޖިނަލް އެއާޕޯޓްސް އިން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ އެ ކުންފުނިން ހުށަހެޅި މައްސަލާގައި އެފަދަ އަމުރަކަށް އެދުމުންނެވެ.

ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން"އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އާ ހަވާލުކުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ކަމަށެވެ. ނަމަވެސް ގަވާއިދުތަކާ އެ ކުންފުނިން ޚިލާފުވެފައި ވާތީ އެއާޕޯޓް ކުއްޔަށްދިން އެގްރީމެންޓް ބާތިލްކޮށްފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ. ނަމަވެސް ވިލާއެއާ އިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އެ އެއާޕޯޓު އަތުލަން ސަރުކާރުން ނިންމާފައިވަނީ ބޮޑު އިންވެސްޓްމެންޓަކާއި ދިމާލަށް ދަނިކޮށް ކަމަށެވެ. އެގޮތުން 200 މިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް